10 Apr 2013, 13:39
އިންޑިޔާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު ރަޖީވް ޝަހާރޭ، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް މިއަދު އަރުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުއްވުމަށް ފަހު އިންޑިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އިންޑިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި އެވެ.
ރަޖީވް ޝަހާރޭގެ ކުރިން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޑީއެމް މުލޭ އެ މަނިކުފާނުގެ ސަފީރު ކަމުގެ މުއްދަތު ފުރިހަމަ ކުރެއްވުމަށް ފަހު ރާއްޖެ އިން ފުރާ ވަޑައި ގެންފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.