ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކެޔޮދޫ ދާއިރާ ވެސް ތަމްސީލް ކުރައްވާ ޑީއާރްޕީގެ ކައުންސިލް މެންބަރު އަބްދުﷲ ޝާހިދު އެމްޑީޕީ އަށް ސޮއި ކުރައްވާފައިވާ ކަން މަޖިލީހުގެ ރިޔާސަތަށް އަންގަވާފައި ނުވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ބުނެފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިދިކޮޅު އެމްޑީޕީ އަށް ސޮއި ކުރައްވާފައިވާ ކަމަށް ވާހަކަ ދެކެވެމުންދާ ކަމަށާއި އެހެން ކަމުން އެކަން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޔާސަތުން އިއުލާން ކުރައްވަން ޖެހޭނެ ކަމަށެވެ.

ރިޔާޒްގެ ނިޒާމީ ނުކުތާ އަށް ޖަވާބް ދެއްވަމުން އެ ވަގުތު މަޖިލީހުގެ ރިޔާސަތުގައި ވެސް އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެކަމުގައި އަމަލުކުރާ އުސޫލަކީ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1ގެ (ހ) ދަށުން އެ މައުލޫމާތުތައް ފުރިހަމައަށް ލިބިވަޑައިގަތުމުން އިއުލާން ކުރެއްވުން ކަމަށެވެ.

"މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1ގެ (ހ) ދަށުން އެ މައުލޫމާތުތައް ފުރިހަމައަށް ލިބިވަޑައިގަތުމުން އިއުލާން ކުރެއްވުން މަޖިލީހުގެ ގަވާއިދުގައި އޮންނަނީ. މަޖިލީހުގެ ރިޔާސަތަށް އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާތީ އެކަން ނުކުރަނީ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ސީނިއާ ޕަލަމެންޓް މެންބަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް މިއަދު ސަން އަށް ވިދާޅުވީ ޝާހިދު އަދި އެ ޕާޓީ އަށް ސޮއި ނުކުރައްވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޝާހިދު އެ ޕާޓީ އަށް ސޮއިކުރައްވަނީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ މައްސަލައެއް އޮވެގެން ނޫން ކަމަށެވެ.

"ތަސްމީނަށް މި ޕާޓީއަށް ވަޑައިގެންނެވެން ނެތީ." އޭނާ ވިދާޅުވި އެވެ.

ނަމަވެސް ތަސްމީނަށް އެމްޑީޕީ އަށް ވަޑައިގެންނެވެން ނެތީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.

ތަސްމީން ރޭ ސަން އަށް ވިދާޅުވީ ޝާހިދު އެމްޑީޕީ އަށް ސޮއިކުރެވިކަން އެ މަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.