ރާއްޖެ އަށް އައި ޓޫރިސްޓުންގެ 23 ޕަސެންޓް މީހުން ރާއްޖެ އައިސްފައި ވަނީ ހަނީމޫނަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސާވޭއަކުން ދައްކައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާއާއި ދެކޭގޮތް ބެލުމަށް ޓަކައި މިދިޔަ ފެބުރުއަރީ މަހުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި 1512 ޓޫރިސްޓުން ބައިވެރިކޮށްގެން ހިންގާފައިވާ ސާވޭއަކުން ދައްކާ ގޮތުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 42 ޕަސެންޓް މީހުން ބުނެފައި ވަނީ ރާއްޖެ އަށް ޗެއްޓީ ހޭދަކުރުމަށް އައިސްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތިމަށްވާ އިރު 23 ޕަސެންޓް މީހުން އައިސްފައި ވަނީ ހަނީމޫނަށް ކަމަށެވެ.

"މިއަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ތިން ހަފްތާގެ ތެރޭގައި ކުރެވުނު މިސާވޭގައި 1512 ފަތުރުވެރިން ބައިވެރިވެފައިވާ އިރު މީގެތެރެ އިން 21 ޕަސެންޓް މީހުންނަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ މީހުން، ރާއްޖެ އަށް ރިޕީޓްކޮށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރޭގައި ގިނައީ ޔޫރަޕުގެ ފަތުރުވެރިން،" އެސާވޭގައި ބުނެފައިވެ އެވެ.

އެސާވޭގައި ބައިވެރިވި މީހުންގެ 26 ޕަސެންޓް މީހުންނަށް ރާއްޖެއާ ބެހޭ މައުލޫމާތް ލިބިފައި ވަނީ އިންޓަނެޓްގެ ޖަޒީރާ އިން ކަމަށްވާ އިރު 26 ޕަސެންޓް މީހުނަށް މައުލޫމާތް ލިބިފައި ވަނީ އެހެން މީހުންގެ ފަރާތުން ކަމަށް ބުނެފައިވެ އެވެ. އަދި ޓުރެވަލް އެޖެންޓުންގެ ފަރާތުން 18 ޕަސެންޓް މީހުނަށް ރާއްޖެއާ ބެހޭ މައުލޫމާތު ލިބިފައިވާ އިރު 0.4 ޕަސެންޓް މީހުނަށް ރާއްޖެއާ ބެހޭ މައުލުމާތު ލިބިފައި ވަނީ ޓުރެވަލް ފެއާތަކުންނެވެ.

އެސާވޭގައި ޓޫރިސްޓުން ފާހަގަކޮށްފައިވާ ކަންތަކުގެ ތެރޭގައި ރާއްޖެ އިން ލިބެން ހުންނަ ހިދުމަތްތަކުގެ ތެރެއިން ސުވެނިއާ ފަދަ ތަކެތި އަގުބޮޑުކަން ފާހަގަކޮށްފައިވާ އިރު އިންޓަނެޓް ހިދުމަތް އަގުހެޔޮކަން ވަނީ 25 ޕަސެންޓް މީހުން ފާހަގަކޮށްފަ އެވެ. އަދި އެސާވޭގައި ބައިވެރިވި މީހުންގެ 13 ޕަސެންޓް މީހުން ރާއްޖޭގައި ތިން ރޭ ހޭދަކުރި އިރު 52 ޕަސެންޓް މީހުން ހަތަރު ރެއާއި ހަތް ރެއާ ދޭތެރޭ މިންވަރަކަށް ހޭދަކުރި އެވެ. އަދި ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ 91 ޕަސެންޓް މީހުން ހަތަރު ރެއާއި ހަތް ރެއާ ދެމެދުގެ ވަރަކަށް ހޭދަކުރެ އެވެ.

އެސާވޭގައި ބައިވެރިވި 94 ޕަސެންޓް މީހުން ރާއްޖޭގައި ހޭދަކުރެވުނު ޖުއްޓިއާ މެދު ހިތްހަމަޖެހޭ އިރު އަލުން ރާއްޖެ އަށް އަންނާނެ ކަމަށް 87 ޕަސެން މީހުން ބުނެފައިވެ އެވެ.