10 Apr 2013, 13:01
ތެހެރާން (އެޕްރީލް 10): އީރާނުގެ ދެނުކުގެ ސަރަޙައްދެއްކަމަށްވާ ކާކީ އަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި 80 އަށް ވުރެ ގިނަ މީހުން މަރުވެ 850 މީހަކު ޒަޚަމްވެއްޖެކަން އެގައުމުން ހާމަކޮށްފި އެވެ.
އީރާނުގެ ރެޑްކްރެސެންޓް ޖަމާއަތާ ޙަވާލާދީ އެގައުމުގެ މަހްރު ނޫސްއެޖެންސީ ބުނި ގޮތުގައި އެގައުމުގެ ދެކުނުގެ ކާކީ ސަރަހައްދަށް އައި ބިންހެލުމުގައި އެސަރަޙައްދުގެ ކުޑަ ތިން ވިލެޖެއް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފަ އެވެ. އެ ތިން ވިލެޖްގެ ގިނަ ޢިމާރާތްތަކެއް ހަލާކުވެ އަނެއްބައި ޢިމާރާތްތައް ބިމާހަމަވެފައިވާ ކަމަށާ ބިންހެލުމުގެ ސަބަބުން ގެދޮރުގެއްލުނު މީހުންގެ ޢަދަދު އަށެއްކަހާހަށް އަރާނެ ކަމަށް ވެސް އީރާނުގެ ރެޑްކްރެސެންޓް ޖަމްއިއްޔާއިން ބުނެ އެވެ.
އީރާނަށް އިއްޔެ ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 6.1ގެ ބާރުމިނުގައި ކަމަށް ތެހެރާން ޔުނިވަރސިޓީގެ ސައިސްމޮލޮޖީއާބެހޭ ދިރާސާ މަރުކަޒުންނާއި ބިންހެލުންތަކާބެހޭ ދިރާސާކުރާ އީރާނުގެ ގައުމީ މަރުކަޒުން ބުނެ އެވެ. ނަމަވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއާ ބެހޭ މަރުކަޒުން ބުނެފައި ވަނީ އީރާނަށް އައީ ރެކްޓަރު މިންގަނޑުން 6.3 ގެ ބާރުމިނުގެ ބިންހެލުމެއް ކަމުގަ އެވެ.
މިބިންހެލުން އައިސްފައިވާ ކާކީ ސަރަހައްދަކީ އީރާނުގެ ބޫޝަހެރު ނިއުކްލިޔަރ ރިއެކްޓަރު ހުންނަ ސަރަހައްދާ އެންމެ 100 ކިލޯމީޓަރުގެ ދުރުމިނުގައިވާ ސަރަހައްދެއްކަމުން މިބިންހެލުމުގެ ސަބަބުން އެރިއެކްޓަރަށް ގެއްލުމެއްލިބި ރޭޑިއޭޝަން ލީކުވެދާނެކަމާ މެދު ގަލްފުގެ ގައުމުތަކާއި ހުޅަނގުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އީރާނުގެ މަސްއޫލުވެރިން ވަނީ މިބިންހެލުމުގެ ސަބަބުން ބޫޝަހެރު ނިއުކްލިޔާ ރިއެކްޓަރަށް އެއްވެސް ގެއްލުމެއް ނުލިބޭކަން ކަށަވަރުކޮށްދެއްވާފަ އެވެ. ބޫޝަހެރު ނިއުކްލިޔާ ރިއެކްޓަރުގެ ކައިރިއާއި އެތަނުގެ ވަށައިގެންވާ ސަރަހައްދުތަކުގެ ވައި ޓެސްޓް ކުރި އިރު ރޭޑިއޭޝަން ލީކުވެފައިވާ ކަމުގެ އެއްވެސް އަސަރެއްނެތް ކަމަށް އީރާނުން ބުނެއެވެ. ބޫޝަހެރު ނިއުކްލިޔަރ ރިއެކްޓަރަކީ ނިއުކްލިޔަރ ހަކަތައިން ކަރަންޓް އުފައްދުމަށް އީރާނުން ބޭނުންކުރާ ނިއުކްލިޔަރ އިންޖީނުގެއެކެވެ.
އީރާނަށް އިއްޔެ އައި ބިންހެލުމަށް ފަހު ގަޑިއެއްހާއިރުގެ ތެރޭގައި ފަސް ފަހަރެއްގެ މަތިން ބާރުގަދަ ގުޑުންތަކަކާއި ލޮޅުންތަކެއްއެގައުމުގެ ދެކުނުގެ ސަރަހައްދުގެ ބިންގަނޑަށް އަރާފައިވާ ކަމަށް ތެހެރާން ޔުނިވަރސިޓީގެ ސައިސްމޮލޮޖިކަލް މަރުކަޒުން ބުނެފައިވެ އެވެ. މިގުޑުންތައް އަރާފައި ވަނީ ރެކްޓާރ މިންގަނޑުން ފަސް އާއި 5.3 ގެ ބާރުމިނުގައި ކަމަށް ވެސް އެމަރުކަޒުން ބުނެ އެވެ. އީރާނަށް އިއްޔެއައި ބިންހެލުމުގެ ލޮޅުން އެގައުމުގެ އަވަށްޓެރި ގަލްފުގެ ޢަރަބި ގައުމުތަކަށް ވެސް އަރާފައިވާކަމަށް އެގައުމުތަކުން ބުނެ އެވެ.
ލޮޅުންތައް އިޙްސާސްކުރި ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އާއި ޤަތަރާއި ބަހްރައިން އަދި ކުވައިތު ހިމެނެ އެވެ. މިގުޑުންތަކުގެ ސަބަބުން ދުބާއިގެ މަޝްހޫރު ބުރުޖު ޚަލީފާ ޢިމާރާތުން ވަނީ ކުއްލި ގޮތަކަށް މީހުންވެސް ހުސްކޮށްފަ އެވެ. އީރާނުގެ ދެކުނަށް އިއްޔެ އައި ބިންހެލުމުގެ މަރުކަޒު ހުރީ ބިމުގެ އަޑިން 10 ކިލޯ މީޓަރުގެ ފުނުގައި ކަމަށާ ބިންހެލުމުގެ ގެއްލުންތައް މިހާވަރަށް ވެސް ކުޑަވީ ބިންހެލުން އައި ކާކީ ސަރަހައްދަކީ އުސްޢިމާރާތްތަކާއި ޢުމްރާނީ ބޮޑެތި އިންފްރާސްޓްރަކްޗަރ ނެތް ސަރަހައްދަކަށްވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ބިންހެލުމުގެ ސަބަބުން އީރާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކުން މުވާސަލާތީ ގުޅުންތައް ވަނީ ވަގުތީގޮތުން ކެނޑިގެން ގޮސްފަ އެވެ.
އީރާނަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ފަރުބަދަމަތީ ގައުމެކެވެ. މިގޮތުން 2003 ވަނަ އަހަރު އެގައުމުގެ ދެކުނުގެ ރަށެއްކަމަށްވާ ބީމް އަށް އައި ބާރުގަދަ ބިންހެލުމެއްގައި 31 ހާސްމީހުން މަރުވެ އެރަށް އެއްކޮށް ހަލާކުވެފައިވެ އެވެ. އަދި 2012 ވަނަ އަހަރު އީރާނުގެ އިރުއުތުރުގެ ރަށެއް ކަމަށްވާ ތަބްރޭޒްގެ ކައިރިއަށް އައި ބާރުގެ ދެ ބިންހެލުމެއްގައި 300 އެއްހާ މީހުން މަރުވެ ތިން ހާސް މީހުން ޒަޚަމްވެފައިވެ އެވެ. މީގެއިތުރުން ވެސް ވަރަށް ގިނައިން ކުދި ބިންހެލުންތައް އީރާނަށް އަންނަމުންދެއެވެ. (ނޫސްއެޖެންސީތައް)