10 Apr 2013, 13:00
ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކަށް ބައިނަލް އަގުވާމީ މުޖުތަމައުގެ ތައުރީފު ވަށް ބޮޑަށް ލިބޭ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވުމަށް، ވެލާނާގެ ޕްރެސްރޫމްގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތިމާވެށީގެ ދާއިރާ އިން ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކަށް ދުނިޔޭގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ގިނަ މަޝްރޫއުތައް ހިންގަމުން އަންނަނީ ބޭރުގެ އެހީގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ބޭރުގެ އެހީ އެންމެ ގިނައިން މި ލިބެނީ މޫސުމަށް އަންނަ ބަދަލާ ގުޅޭ ގޮތުން އަޅުގަނޑުމެން މިދާ ކޮންފަރެންސްތަކުން، ދެން އަދި ތިމާވެށީގެ ދާއިރާ އިން މި ބާއްވާ ކޮންފަރެންސްތަކުން، އެ ކޮންފަރެންސްތަކުގައި އަޅުގަނޑުމެންގެ ހާލަތު އެބޭފުޅުންނަށް ބަޔާންކޮށްދީގެން. އަދި މިކަމުގައި އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތަށް ދުނިޔޭގައި ވަރަށް ބޮޑަށް ތައުރީފު ވެސް ދަނީ ލިބިގެން،" މިނިސްޓަރު ޑރ. ޝަކީލާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ އިތުރުން މި އަހަރު ތެރޭގައި ވަރަށް ގިނަ އާ ޕްރޮޖެކްޓްތައް ފެށިގެންދާނެ ކަމަށާއި އެހީލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ގިނަ ޕްރޮޖެކްޓްތަކަކީ ބޭރުގެ އެހީގައި ބޭރުގެ ގްރާންޓްސްތަކުން ނުވަތަ ލޯންގެ އެހީގައި ހިންގާ ޕްރޮޖެކްޓްތައް، މިހާތަނަށް މިނިސްޓްރީން ކުރެވިފައި ހުރި މަސައްކަތުން އަދިވެސް ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ބޭރުގެ އެހީ ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް، އެހެންވީމާ މިހާރު މިހިންގާ ޕްރޮޖެކްޓްގެ އިތުރުން އަޅުގަނޑު މިދަންނަވަނީ ވަރަށް ގިނަ ޕްރޮޖެކްޓްތައް ފެށިގެންދާނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެންވަޔަރްމެންޓް އެންޑް އެނަޖީ މިނިސްޓްރީން މިހާރުވެސް 80 އަށް ވުރެ ގިނަ ޕްރޮޖެކްޓްތައް ހިންގަމުން އަންނަ ކަމަށް މިނިސްޓަރު ޝަކީލާ ވިދާޅުވިއެވެ.