10 Apr 2013, 12:44
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާނޭ ރިޔާސީ ކެންޑިޑޭޓް ސާފުނުވާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އިން ބުނެފި އެވެ.
އެމްޑީޕީން ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ޕީޕީއެމްކީ އެ ޕާޓީއާ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި މިހާރު އެ ޕާޓީގެ އެތެރޭގައި ހިނގަމުންދާ ކަންތައްތަކަށް ބަލާ އިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީގެ ފަރާތުން ވާދަ ކުރައްވާނޭ ރިޔާސީ ކެންޑިޑޭޓަކު ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނާ ސުވާލު ކުރާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޭގަ[ކުރީ ރޭ] ވަހުދަތު ހަވާލު ކުރީ. މިހާރު އުމަރު މާލެ ވަޑައިގެން ކައިރީ މީހުން އެބައުޅޭ. އެހެން ވީމާ މިހާރު ވަހުދަތު އޭ އަދި ވަހުދަތު ބީ އެބައުޅޭ. ޕީޕީއެމް އަކީ އެމްޑީޕީއާއި އިދިކޮޅު ރަނގަޅު ސިޔާސީ ޕާޓީއެއް ކަމަށްވާ ނަމަ ޕީޕީއެމް އިން ހޮވިވަޑައިގެން ހުންނެވި ރިޔާސީ ކެންޑިޑޭޓަށް ދަންނަވާލަން އަޅުގަނޑުމެންނާ ފޮލޯ ކުރަންވީ ޔާމީންތޯ ނުވަތަ އުމަރުތޯ އަޅުގަނޑުމެންނަށް ސާފުވެއްޖީއްޔާ ވަރަށް ރަނގަޅު." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނޭ ރިޔާސީ ކެންޑިޑޭޓް މިހާރު ޕީޕީއެމް އަށް ދައްކާފައިވާ ކަމަށާއި އެހެން ކަމުން ޕީޕީއެމް އިން ވާދަކުރައްވާނޭ ރިޔާސީ ކެންޑިޑޭޓުންގެ އަދު ސާފުކޮށް ދެއްވަން ޖެހޭނަ ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީގައި ހުރީ އެންމެ ރިޔާސީ ކެންޑިޑޭޓެއް ކަމަށާއި އެހެންކަމުން ޕީޕީއެމް އިން ދެ ރިޔާސީ ކެންޑިޑޭޓުން ވާދަކުރައްވާ ނަމަ އެމްޑީޕީގެ ފަރާތުން އެންމެ ރިޔާސީ ކެންޑިޓޭޓަކު ވާދަ ކުރެއްވުމަކީ އެއީ ސިޔާސީ މައިދާނުގައި ވަރަށް ބުރަ ކަމަކަށް ވެގެންދާނެ ކަމެއް ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީގެ ފަރާތުން ވާދަ ކުރައްވާނެ ކެންޑިޑޭޓާއި ޕީޕީގެ ސައިޒް އެނގިގެން ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ލުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޕާޓީތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަމުންދާ ތަރައްގީތަކަށް ބަލާ އިރު އަދި ކުރަމުންދާ ކެމްޕޭންތަކަށް ބަލާ އިރު ރިޔާސީ އިންތިހާބަށް އެންމެ ފުރިހަމަ އަށް ތައްޔާރުވެފައިވާ ޕާޓީ އަކީ އެ ޕާޓީ ކަމަށާއި އަދި އެ ޕާޓީ އާ ވާދަ ކުރެއްވޭނެ އެހެން ޕާޓީއެއް ނެތް ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައިބަހައިގެން އެއް ވެސް ބަޔަކާ އެމްޑީޕީން ކޯލިޝަން ހަދަން ބޭނުން ނުވާ ކަމަށާއި އެއްވެސް ޝަރުތަކާއި ނުލައި އެ ޕާޓީއާ ގުޅެން ބޭނުންވާ ފަރާތްތަކަށް މަރުހަބާ ކިޔާ ކަމަށެވެ.
މިދިޔަ މަހު 30ގައި އޮތް ޕީޕީއެމްގެ ރިޔާސީ ޕްރަމަރީގައި 63 ޕަސެންޓްގެ އަޣުލަބިއްޔަތުން އެ ޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާފައި ވަނީ، ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނެވެ. އެ އިންތިހާބުގައި ޔާމީނާ ވާދަ ކުރެއްވި އެ ޕާޓީގެ ކުރީގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރަށް ލިބިވަޑައިގެންފައި ވަނީ 35 ޕަސެންޓް ވޯޓެވެ.