މިދިޔަ މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ މިދިޔަ މާޗް މަހު ރާއްޖެ އަށް 99498 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 76469 ޓޫރިސްޓުންނެވެ. އެއީ 30 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ މާޗް މަހުގެ ޓޫރިޒަމް ދާއިރާގެ ތަފާސް ހިސާބްތަކަށް ބަލާ އިރު ރާއްޖެ އަށް ޓޫރިސްޓުން އަންނަ މައިގަނޑު ހުރިހާ މާކެޓްތަކުން ޓޫރިސްޓުން އައި މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ޔޫރަޕުން ރާއްޖެއައި ޓޫރިސްޓުންގެ މިންވަރު 12 ޕަސެންޓް އިތުރުވެފައިވާ އިރު އޭޝިއާ ސަރަހައްދުން ރާއްޖެ އައި ޓޫރިސްޓުންގެ މިންވަރު ވަނީ 84.7 ޕަސެންޓް ކުރިއަރައިފަ އެވެ. އަދި އެމެރިކާ ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދު 42.9 ޕަސެންޓް އިތުރުވެފައިވެ އެވެ.

މިދިޔަ މަހު ރާއްޖެ އަށް ޓޫރިސްޓުން އައި ގައުމުތަކަށް ބަލާ އިރު މިދިޔަ އަހަރުގެ މާޗްމަހާ އަޅާބަލާ އިރު ޖަރުމަނު ވިލާތުން ރާއްޖެ އަށް ޓޫރިސްޓުން އައި މިންވަރު 7.5 ޕަސެންޓް އިރުވެފައިވާ އިރު އިޓަލީ އިން އައި ޓޫރިސްޓުންގެ މިންވަރު ވަނީ 10.4 ޕަސެންޓް އަދި ފުރާންސް އިން އައި މިންވަރު ވަނީ 1.5 ޕަސެންޓް އަދި ރަޝިއާ އިން އައި މިންވަރު ވަނީ 18.6 ޕަސެންޓް އިތުރުވެފަ އެވެ. އަދި އޭޝިއާ ސަރަހައްދަށް ބަލާ އިރު ޗައިނާ އިން ރާއްޖެއައި ޓޫރިސްޓުން މިންވަރު 176.9 ޕަސެންޓް އިތުރުވެފައިވާ އިރު ޖަޕާނުން އައި ޓޫރިސްޓުންގެ މިންވަރު ވަނީ 13.1 ޕަސެންޓް އިތުރުވެފަ އެވެ.

މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރަށް ބަލާ އިރު އެމުއްދަތުގައި ރާއްޖެއަށް ވަނީ 293112 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެހެންކަމުން އެއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާ އިރު 14.6 ޕަސެންޓްގެ ކުރިއެރުމެކެވެ.