10 Apr 2013, 12:06
ވޮޝިންޓަން (އެޕްރީލް 10): އުތުރުކޮރެޔާގެ މިސައިލްތަކަށް ހުރަސްއަޅައި އެމިސައިލްތައް ވައްޓާލުމުގެ ގާބިލުކަން ލިބިގެންވާ ކަމަށާއި އަދި އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ދިފާޢުގައި މިކަންކުރާނެ ކަމަށް އެމެރިކާ ބުނެފި އެވެ.
އޭޝިޔާ ޕެސިފިކްގައި ރުކުރުވާލާފައިވާ އެމެރިކާގެ ލަޝްކަރުތަކުގެ ކޮމާންޑަރު އެޑްމިރަލް ސާމް ލޮކްލިޔާ ވިދާޅުވީ އުތުރުކޮރެޔާ އިން އެމެރިކާއަށާއި އެމެރިކާގެ ބައިވެރިންނަށް ޙަމަލާދޭ މިސައިލްތަކަށް ހުރަސްއަޅައި އެ މިސައިލްތައް ވައްޓާލުމަށް އެމެރިކާގެ ޢަސްކަރީ ބާރުތައް ތައްޔާރަށް އޮތްކަމުގަ އެވެ. ހޫނުވަމުންދާ ކޮރެޔަން ޕެނިންސިއުލާގެ މަސްރަޙާބެހޭ ގޮތުން ސެނެޓްގެ، ޢަސްކަރީ ބާރުތަކާ ބެހޭ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވަމުން އެޑްމިރަލް ސާމް ލޮކްލިޔާ ވިދާޅުވީ އުތުރުކޮރެޔާ އިން އެމެރިކާ އަށް ނޫނީ އެމެރިކާގެ ބައިވެރިއަކަށް ދޭޙަމަލާތައް ނާކާމިޔާބުކޮށްލުމުގެ ޤާބިލްކަން އެމެރިކާ އަށް ފުރިހަމައަށް ލިބިގެންވާކަމަށާއި އެކަމަށް ޓަކައި އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމުގަ އެވެ.
ނަމަވެސް އުތުރުކޮރެޔާގެ ކޮންމެ މިސައިލަކަށް އެމެރިކާ ހުރަސްނާޅާނެ ކަމަށާއި އެމެރިކާ ހުރަސްއަޅައި އަދި ވައްޓާލާނީ އެމެރިކާ އަށް ނޫނީ އެމެރިކާގެ ބައިވެރިންގެ ގޮތުގައި ބެލެވޭ ގައުމަކަށް ޙަމަލާދިނުމުގެ ގޮތުން އުތުރުކޮރެޔާ ފޮނުވާ މިސައިލްތައް އެކަނިކަމަށް ވެސް އެޑްމިރަލް ސާމް ވިދާޅުވި އެވެ. އުތުރުކޮރެޔާގެ އިންޒާރުތަކާއި ބިރުދެއްކުންތަކާ ގުޅިގެން އެމެރިކާ ވަނީ މިސައިލުން ދިފާއުވުމުގެ ނިޒާމެއް ހަވާއިގާ ޤާއިމްކޮށްފަ އެވެ. އަދި އެމެރިކާ އަށް ޢަސްކަރީގޮތުން ބަރޯސާކުރާ ޖަޕާނުން ވެސް ވަނީ އެމެރިކާގައި އުފައްދާފައިވާ މިސައިލުން ދިފާޢުވާ ނިޒާމުގެ ބެޓްރީ ތަކެއް ޓޯކިޔޯގައި ރުކުރުވާލާފަ އެވެ.
މީގެއިތުރުން އެމެރިކާ ވަނީ ބެލަސްޓިކް މިސައިލްތަކުގެ އަމާޒާއި މިސްރާބު ބަލާ ރާޑަރު ސިސްޓަމެއް ވެސް ޖަޕާނުގައި ޤާއިމްކޮށްފަ އެވެ. މިރާޑަރުތަކާއި މިސައިލްއައްޑަނައިގެ ނިޒާމުތަކުގެ އެހީގައި އުތުރުކޮރެޔާގެ މިސައިލްތައް އޭގެ އަމާޒަށް ވާސިލްވުމުގެ ކުރީގައި ވައްޓާލެވޭނެ ކަމުގެ ޔަގީންކަންއެބަ އޮތް ކަމަށް ވެސް އެޑްމިރަލް ސާމް ވިދާޅުވި އެވެ. އެމެރިކާ މިހެން ބުނި ނަމަވެސް އެމެރިކާގެ ޕެޓްރިއޮޓް މަރުކާގެ މިސައިލުން ދިފާޢުވުމުގެ ނިޒާމަކީ 100 އިންސައްތަ ގެރެންޓީ ނިޒާމެއްނޫން ކަމަށް ޢަސްކަރީ ތަޖްރިބާކާރުން ދެކެ އެވެ. އަދި ރާޑަރަށްނާރާ ޓެކްނޮލޮޖީގެ މިސައިލްތައް އެނިޒާމުން ވައްޓާލެވޭނެ ކަމުގެ ގެރެންޓީ ވަރަށްކުޑަކަމަށް ޢަސްކަރީ ރިޕޯޓްތައް ބުނެ އެވެ.
އުތުރުކޮރެޔާ އިން ވަނީ ހިނގާފާނެ ހަނގުރާމައަކުން ސަލާމަތްވުމަށް އެގައުމުގައި ދިރިއުޅޭ ބޭރުގައުމުތަކުގެ ރައްޔިތުން އެގައުމުން ފުރައިގެން ދިޔުމަށް ނަސީހަތްތެރިވެފަ އެވެ. ނަމަވެސް ކޮރެޔަން ޕެނިންސިއުލާގައި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. (ނޫސްއެޖެންސީތައް)