10 Apr 2013, 11:13
ދެހާސް ނުވަ ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެ ބަނގުރޫޓުވުމާ ވަރަށް ކައިރިއަށް ދިޔަ ކަން ވިކިލީކްސް އިން ލީކުކޮށްލާފައިވާ އާ ޑިޕްލޮމެޓިކް ކޭބަލްތަކުން ހާމަވެއްޖެ އެވެ.
ދެހާސް ނުވައެއްގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު "އަންކުލެސިފައިޑް" ކޭބަލެއްގެ ގޮތުގައި ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީ އިން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓަށާއި ޑިޕާޓްމަންޓް އޮފް ކޮމާސްއަށާއި ބަންގުލަދޭޝްގެ ޑާކާގައި ހުންނަ އެމެރިކާގެ އެމްބަސީ އަށާއި އިންޑިއާގެ ނިއު ދިއްލީ، ޗެންނާއި، ކޮލްކަޓާ އަދި މުމްބާއީގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށާއި ނޭޕާލްގެ ކަތަމަންޑޫގައި ހުންނަ އެމެރިކާގެ އެމްބަސީއަށާއި ޕާކިސްތާނުގެ އިސްލާމްއާބާދު އަދި ކަރާޗީގައި ހުންނަ އެމެރިކާ އެމްބަސީތަކަށް ފޮނުވި ކޭބަލްގެ ސުރުހީއަކީ "މޯލްޑިވްސް އޮން ދަ ބްރިންކް އޮފް ބޭންކުރަޕްސީ" އެވެ.
އެ ކޭބަލްގައި ބުނެފައި ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ނާޒުކުކަން އެމެރިކާގެ ސަފީރަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ރައީސްގެ އެޑްވައިޒަރު ޑރ. ހަސަން ސައީދު ކަމަށެވެ.
ޑރ. ހަސަން ސައީދާ ހަވާލާދީ ކޭބަލްގައި ބުނެފައި ވަނީ މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިޒާވުގައި އޭރު ހުރީ 67 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 10 ދުވަހަށް ފުދޭ ވަރަށް ފޮރިން ރިޒާވު ކަމަށެވެ.
ކޭބަލްގައި ބުނެފައި ވަނީ އިގުތިސާދީ ހާލަތު ހަމައަކަށް އެޅުވުމަށް ބައިނަލްއަގުވާމީ މާލީ ފަންޑު (އައިއެމްއެފް)ގެ ލޯނެއް ނެގުމަށް އެކަމާ ގުޅޭ ވަފުދެއް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ނަމަވެސް، މީގެ ކުރިން ރާއްޖެ އިން އައިއެމްއެފްއާ އެކު މަސައްކަތްކޮށްފައި ނުވުމުން، އައިއެމްއެފްގެ ލޯނާ މެދު ޑރ. ޝަހީދު ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.
ކޭބަލްގައި އިތުރު ތަފްސީލްގެ ގޮތުގައި ރާއްޖެ ބަނގުރޫޓުވުމާ ކައިރިއަށް ދިޔަ ސަބަބުތައް ބަޔާންކޮށްފައިވެ އެވެ.
މިގޮތުން ރައީސް މައުމޫންގެ ވެރިކަމުގެ ފަހު އަހަރުގައި އެކަނިވެސް އޭރުގެ ސަރުކާރުން 117 މިލިއަން އެމެރިކާ ޑޮލަރުގެ ތަރައްގީގެ މަޝްރޫއުތައް އެކިފަރާތްތަކާ ހަވާލުކޮށްފައިވާ ނަމަވެސް، ކޭބަލް ފޮނުވި ތާރީހުގެ ނިޔަލަށް އެ 117 މިލިއަން ޑޮލަރުގެ ތެރެއިން ދައްކާ ނިންމާފައި ވަނީ އެންމެ 10.7 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ބުނެފައިވެ އެވެ.
އަދި 2009ގެ ނިޔަލަށް ބަޖެޓް ދަރަނި 109 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށާއި އޭރު ދައުލަތުގެ ދަރަނި ހުރީ 445 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 60 ޕަސެންޓްގައި ކަމަށް ވެސް ކޭބަލްގައިވެ އެވެ. މިހެން ކަމުން، އޭރު ރާއްޖެއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ދަރަނިވެރިވެފައިވާ އެއް ގައުމު ކަމަށް ވެސް ކޭބަލްގައި ބުނެފައިވެ އެވެ.
ކޭބަލްގައި ބުނެފައި ވަނީ އިގުތިސާދީ ރިސެޝަނަކަށް ރާއްޖެ ގޮސްފައި ވަނީ ރައީސް މައުމޫން ސަރުކާރުން ވިސްނާ ނުލާ އިގުތިސާދީ އަދި މާލީ ކަންކަމުގައި ގޯސް ނިންމުންތަކެއް ނިންމާފައިވުމުން ކަމަށެވެ.
އަދި ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ނަޝީދުގެ ސަރުކާރުންވެސް ގޯސްވަމުންދިޔަ އިގުތިސާދީ ހާލަތަށް ބެލުމެއް ނެތި ގިނަ އަދަދެއްގެ ސިޔާސީ މަގާމުތައް އުފެއްދުމާއި ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރުމުގެ ނަތީޖާއެއްގެ ގޮތުން 78 މިލިއަން އެމެރިކާ ޑޮލަރު ބަޖެޓް ދަރަންޏަށް އިތުރުވެގެންދިޔަ ކަމަށްވެސް ކޭބަލްގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދުގެ ސަރުކާރަށް އިގުތިސާދީ ހާލަތު އޮތް ގޮތުގެ ނާޒުކުކަން އެނގުނު ހިސާބުންވެސް ހަރަދުތައް ކުޑަކުރަން މަސައްކަތްތައް ފެށުމުގެ ބަދަލުގައި އެމްއެމްއޭއިން 187.5 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ސަރުކާރު ނެނގީ ކަމަށާއި، މިއީ ފައިސާ ޗާޕުކުރުން ފަދަ ކަމެއް ކަމަށް ކޭބަލްގައިވެ އެވެ.