ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިންޑިއާގައި ރާއްޖެއާ ބެހޭ ތަޖުރިބާކާރެއް ނެތުން ކަމަށް ކުރީގެ އިންޑިއާ ހައި ކޮމިޝަނަރު ޑީއެމް މުލޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" އިން ބުނީ ޕޫނާގެ ޔޫނިއަން އޮފް ވޯކިންގް ޖާނަލިސްޓްސް އެންޑް އެޑިއުކޭޝަން ސޮސައިޓީއިން އިންތިޒާމުކޮށްގެން ބޭއްވި ސެޝަނެއްގައި ތަގުރީރުކުރައްވަމުން މުލޭ ވިދާޅުވީ ރާއްޖެ އާއި ރާއްޖޭގެ ސިޔާސީ މަޝްރަހު އަދި "ޖިއޯޕޮލިޓިކަލް ސިޗުއޭޝަނާ" ގުޅޭ ގޮތުން އިންޑިއާ އަށް ލިބިފައިވާ މައުލޫމާތަކީ ވަރަށް މަދު މައުލޫމާތެއް ކަމަށެވެ.

އަދި ރާއްޖެ ފަދަ އިންޑިއާގެ އަވައްޓެރި ގައުމުތަކަށް އިގުތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ގޮތުން އަންނަ ބަދަލުތަކުގެ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިންޑިއާ އަށް ކުރަމުންދާ އިރު އަވައްޓެރި ގައުމުތަކާ ބެހޭ ވީހާ ވެސް ގިނަ މައުލޫމާތު ހުރުމަކީ މުހިއްމު ކަމެއް ކަމަށް މުލޭ ވިދާޅުވި ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުނެ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމާ ގުޅޭ ގޮތުން މުލޭ ވިދާޅުވެފައި ވަނީ ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމު ކަމުން ޗައިނާ ވެގެންދަނީ ރާއްޖޭގައި ބާރުގަދަ ގައުމަކަށް ކަމަށެވެ.

"ރާއްޖެ އަށް ޒިޔާރަތްކުރާ އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ވަނީ 10،000 އިން 40،000 އަށް މައްޗަށް ގޮސްފައި. ނަމަވެސް މިއީ ޗައިނާއާ އަޅާބަލާ އިރު ވަރަށް މަދު އަދަދެއް. ޗައިނާ އިން 10 ލައްކައެއްހާ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރޭ،" މުލޭ ވިދާޅުވި އެވެ.

މުލޭ ވިދާޅުވީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް މިހާ ގިނަ ޓޫރިސްޓުން އަންނަ ގައުމެއްގެ ބާރު ގަދަވާނެ ކަމަށާއި އިންޑިއާ އިން އެކަމަށް ސަމާލުވާން ޖެހިފައިވާ ކަމަށެވެ.

އިންޑިއަން ހައި ކޮމިޝަނަރުގެ ގޮތުގައި މުލޭ ވަނީ ރާއްޖޭގައި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފަ އެވެ. ރާއްޖޭގައި ހައި ކޮމިޝަނަރުގެ ދައުރު ހަމަވުމުން، މުލޭ ވަނީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އިންޑިއަން ކޮންސުލް ޖެނެރަލްގެ މަގާމަށް އައްޔަނުކުރައްވާފަ އެވެ.

މިވޭތުވެދިޔަ ދެއަހަރެއް ހާ ދުވަހުގެ ތެރޭގައި ރާއްޖެ އަށް އައިސްފައިވާ ސިޔާސީ ބަދަލާއި ހަލަބޮލިކަމުގެ ތެރޭގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ވެސް އަސަރުތަކެއް ކޮށްފައިވާ އިރު، ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުން ވަނީ އިންޑިއާއިން ކަންތައް ކުރި ގޮތާ މެދު ފާޑުކިޔާފަ އެވެ.

މިގޮތުން އެންމެ ފުރަތަމަ ވެރިކަން ބަދަލުވެގެން، ރައީސް ވަހީދުގެ ސަރުކާރު ބަލައިގަތް މައްސަލާގައި އެމްޑީޕީ އިން ވަނީ އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އޭގެ ފަހުން ރައީސް ނަޝީދަށް އިންޑިއަން ހައި ކޮމިޝަންގައި ހުންނެވުމުގެ ފުރުސަތު ދިން މައްސަލާގައި ރައީސް ވަހީދުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަނީ އިންޑިއާ އަށް ފާޑުކިޔާފަ އެވެ.