10 Apr 2013, 10:41
ރާއްޖޭގެ ރައްޔިތުންނަށް ޒަމާނީ ބޭންކިންގެ ހިދުމަތް ތައާރަފު ކުރުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންގެންދާ މަސައްކަތުގެ ދަށުން އަލަށް ތައާރަފްކުރި ޑިޕޮސިޓް މެޝިނަށް އެ ބޭންކުގެ ކަސްޓަމަރުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެ ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ ގައުމީ ބޭންކުން ބުނެފައި ވަނީ 24 ގަޑިއިރު ހިދުމަތް ހޯދޭގޮތަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ "ބީއެމްއެލް ލައިޓް"ގައި ބެހެއްޓިފައިވާ ދެ ޑިޕޮޒިޓް މެޝިނުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 100 ކަސްޓަމަރުން ހިދުމަތް ހޯއްދަވާ ކަމަށެވެ. އަދި ޒަމާނީ ސަލާމަތީ ވަސީލަތްތަކުގެ އެހީގައި ރައްކާތެރި ކުރެވިފައިވާ އެ މެޝިން މެދުވެރިކޮށް ފައިސާއާއި ޗެކް ޖަމާކުރާ ކަސްޓަމަރުން، އެ ފައިސާ ނުވަތަ ޗެކް މެޝިނަށް ޖަމާކުރާ ވަގުތުން ފެށިގެން ކަސްޓަމަރުގެ އެކައުންޓަށް އެ ފައިސާ ނުވަތަ ޗެކް ޖަމާ ކުރެވެންދެން ވީޑިއޯ ކުރެވެމުން ދާނޭ ކަމަށާއި އެހެން ކަމުން އެ ވަސީލަތްތައް ބޭނުން ކުރަމުންދާ ކަސްޓަމަރުން އިތުރު ވަމުންދާ ދިއުން ރަމްޒުކޮށްދެނީ ބޭންކަށް އެފަރާތްތަކުން ކުރައްވާ އިތުބާރު ކަމަށް ވެސް ބުނެފައިވެ އެވެ.
ގައުމީ ބޭންކުން އިތުރަށް ބުނެފައިވާ ގޮތުގައި އެ ބެންކުގެ ޑިޕޮޒިޓް މެޝިނަށް ހާއްސަ ސިޓީ އުރައެއް ބޭނުންކޮށްގެން ރުފިޔާ، ޑޮލަރު އަދި ޗެކުވެސް ޖަމާ ކުރެވޭނެ އެވެ. އެގޮތުން އަމިއްލަ އެކައުންޓަށް، ކުރެޑިޓްކާޑަށް ނުވަތަ ލޯނުގެ ގޮތުގައި ދައްކާ ފައިސާ ވެސް އެ މެޝިން މެދުވެރިކޮށް ޖަމާ ކުރެވޭއިރު އެއްފަހަރާ އެގޮތަށް ޖަމާކުރެވޭނީ 30 ޗެކުކަމަށާއި އަދި ނަގުދު ފައިސާގެ 40 ނޫޓު ކަމަށްވެސް ބޭންކުން ބުނެފައިވެ އެވެ.
ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގެ ކުރިން މެޝިން ބޭނުން ކޮށްގެން ޑިޕޮޒިޓް ކުރެވޭ ފައިސާ ހަމަ އެދުވަހު އެކައުންޓަށް ޖަމާކުރެވޭނޭ ކަމަށާއި އެހެން ނަމަވެސް އެހެނިހެން ބޭންކުތަކުގެ ޗެކުތައް އެކައުންޓަށް ޖަމާވުމަށް ދެދުވަހުގެ މުއްދަތެއް ނަގާނޭ ކަމަށް ބޭންކުން ބުނެފައިވެއެވެ.