10 Apr 2013, 10:35
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑާއި ސްޕެއިންގެ މަލާގާ ބައްދަލު ކުރިމެޗު، ތިނެއް ދޭކުން މަލާގާ ބަލިކޮށް ސެމީ ފައިނަލަށް ޑޯޓްމަންޑް ދަތުރު ކޮށްފިއެވެ.
ސްޕެއިންގައި ކުޅުނު ފުރަތަމަ ލެގުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ރޭގެ މެޗުގައި ފުރަތަމަ ކުރި ހޯދީ މެޗުގެ 25 ވަނަ މިނިޓުގައި ސަންޗޭޒް ޖޯކުއިން ކާމިޔާބު ކޮށްދިން ލަނޑަކުން މަލާގާއެވެ. އެހެން ނަމަވެސް މެޗުގެ 40 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޮސްކީ ކާމިޔާބު ކޮށްދިން ލަނޑާއެކު ޑޯޓްމަންޑް އިންވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މަލާގާއަށް އެ މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ މެޗުގެ 82 ވަނަ މިނިޓުގައި ޕެރެއިރާ އެލިސެއޫއެވެ. އެހެން ނަމަވެސް މަލާގާއިން ބުރަ މަސައްކަތުން ހޯދި ކާމިޔާބު ނިމުމަކަށް ގެނެސް ޑޯޓްމަންޑުގެ ކުޅުންތެރިންނަށް ހަމަނޭވާ ލެވުނީ ފަހުހާފުގެ އިތުރު ވަގުތުގައި މާކޯރޫސް، އަދި އޮގަސްޓޭ ފެލިޕޭ ސަންޓާނާ ކާމިޔާބު ކުރި ދެލަނޑާއެކު ތިނެއް ދޭކުން މަލާގާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޭގެ ނަތީޖާއާ އެކު މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އެއްވެސް މެޗަކުން މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ބޮރޫސިއާ ޑޯޓްމަންޑްއެވެ. ޗެމްޕިއަންސް ލީގުގައި މެޗަކުން ބަލިނުވެ މުބާރާތް ކާމިޔާބު ކުރި ހަމައެކަނި ޓީމަކީ މެންޗެސްޓާ ޔުނައިޓެޑް އެވެ.
މެޗަށްފަހު ޑޮޓްމަންޑްގެ ކޯޗް ޖާގަން ކްލޮޕް ބުނީ މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔަ ގޮތުން އޭނާއާއި އޭނާގެ އެސިސްޓެން ހުރީ ހައިރާންވެ އަންތަރީސް ވެފައި ކަމަށެވެ. އަދި މިއީ އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި އެންމެ އުފާވި ދުވަސް ކަމަށެވެ.