10 Apr 2013, 10:29
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ތުރުކީގެ ގަލަތަސަރާއީއާ ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެލަނޑުން ގަލަތަސަރާއީ ސެމީފައިނަލަށް ދިއުމަށް ކުރިމަސައްކަތް ފެނަށް ގޮސްފިއެވެ.
ރޭގެ މެޗުގެ ނަތީޖާ ތިނެއް ދޭކުން ގަލަތަސަރާއީގެ ކޮޅަށް ބުރަވި ނަމަވެސް ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލްގެ ބާނަބިއުގައި ކުޅުނު މެޗުން ތިނެއް ސުމަކުން ގަލަތަސަރާއީ ބަލިވެފައިވުމުން އެޓީމަށް ސެމީ ފައިނަލުގެ ޖާގަ ގެއްލުނީ ދެމެޗުގެ އެގްރިގޭޓް ނަތީޖާ ތިނެއް ފަހަކުން ރެއާލްގެ ކޮޅަށް ބުރަވުމުން ނެވެ.
ތިން ލަނޑުގެ ގެއްލުމާއެކު ގަލަތަސަރާއިން ރެއާލްއާ ދެކޮޅަށް އިސްތަންބޫލުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ މެޗުގެ އަށް ވަނަ މިނިޓުގައެވެ. އެހެން ނަމަވެސް ގަލަތަސަރާއި އިން ވަނީ ރެއާލްއަށް ހާސްކަން އިތުރުކޮށް ހޯސޭ މޮރީނިއޯގެ ހިތައް ނުތަނަވަސްކަން ވެރިކުރުވާފަދަ ކުޅުމެއް މެޗުގައި ދައްކައި ދީފައެވެ. އެގޮތުން އެކުލަބުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ 57 ވަނަ މިނިޓުގައި އެމެނުއަލް އެބޫ ކާމިޔާބުކޮށްދިން ރީތި ލަނޑަކުންނެވެ. އެނަތީޖާ އިތުރަށް ފުޅާކޮށްދިނީ 71 ވަނަ މިނިޓުގައި ވެސްލީ ސްނެއިޑާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ މިނިޓެއްފަހުން ރެއާލްއަށް އިތުރު ސިހުމެއް ގެނެސްދީ މެޗުގެ ނަތީޖާ ތިނެއް އެކަކަށް ބަދަލު ކޮށްލީ ޗެލްސީގެ ކުރީގެ ތަރި ޑިޑިއަ ޑްރޮގްބާއެވެ.
ޑްރޮގްބާ ކާމިޔާބުކޮށްދިން ލަނޑާއެކު ގަލަތަސަރާއިއަށް ސެމީފައިނަލުގެ އުންމީދު ބޮޑަށް އާވެގެން ދިޔަ ނަމަވެސް އެކުލަބު ސެމީފައިނަލަށް ވާސިލުވުމަށް ލިބުނު 24 ވަނަ ފުރުސަތު ގެއްލުނީ މެޗުގެ އިތުރު ވަގުތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ދެވަނަ ލަނޑާއެކުއެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެލަނޑާއެކު އޭނާ މި ސީޒަންގައި ކުޅުނު 45 މެޗުގައި ރެއާލްއަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 46 އަށް އަރާފައެވެ. އަދި ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބު ކުރި 11 ލަނޑާއެކު ޗެމްޕިއަންސް ލީގުގެ ލަނޑު ލިސްޓުގެ ކުރީގައިވެސް އޮތީ އޭނާގެ ނަމެވެ.