10 Apr 2013, 09:32
އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު އާޒިމާ ޝުކޫރު ޖެންޑާ މިނިސްޓްރީ އަށް ބަދަލު ކުރައްވަން ސަރުކާރުން ނިންމައިފި އެވެ. އެކަން ވަނީ ސަރުކާރުގެ އޮފިޝަލަކު ސަން އަށް މިއަދު ކަށަވަރުކޮށްދެއްވައިފަ އެވެ.
އެޓާނީ ޖެނެރަލްގެ މަގާމަށް ހަމަޖައްސަވަނީ ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
ހިއުމަންރައިޓްސް ޖެންޑާ އެންޑް ފެމެލީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ދިޔާނާ ސައީދު އެ މަގާމުން ވަކިކުރެއްވުމަށް ފަހު، އެ މިނިސްޓްރީ ހިންގަވުން ގެންދަވަނީ އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރެވެ.
އާޒިމާ ޖެންޑާ މިނިސްޓްރީ އަށް ބަދަލުކުރައްވަން ނިންމަވާފައިވޭތޯ އާޒިމާ އަށް މިއަދު ސަން އިން ދެންނެވުމުން ފަހުން ވިދާޅުވީ ޖެންޑާ މިނިސްޓްރީ އަށް ބަދަލުވެވަޑައިގަތުމަށް އެދިވަޑައިގަތީ އެކަމަނާ އަމިއްލަފުޅަށް ކަމަށެވެ. އަދި ވިދާޅުވީ ލީގަލް ދާއިރާގައި އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އާ ދާއިރާއެއް ތަޖުރިބާ ކުރެއްވުމުގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނެވި ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމަށް ވެސް މިއަދު ބޭފުޅަކު ހަމަޖެއްސެވުމަށް ވަނީ ނިންމަވައިފަ އެވެ. އެ މަގާމަށް ހަމަޖައްސަން ނިންމަވާފައި ވަނީ، ޖުމްހޫރީ ޕާޓީން ހުށަހަޅުއްވާފައިވާ، އެ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހީމެވެ.
އެ ތިން މަގާމަށް މިއަދު ބޭފުޅުން ހަމަޖެއްސެވުމަށް ވަނީ ނިންމަވައިފަ އެވެ.
ޖެންޑާ މިނިސްޓަރު ދިޔާނާ ސައީދު ޖެންޑާ މިނިސްޓަރުކަމުން ވަކިކުރެއްވުމަށް ފަހު، އެ މަގާމަށް ބޭފުޅަކު ހަމައްސަވާފައެއް ނުވެ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝަމްހީދު އެ މަގާމުން ވަކިކުރެއްވުމަށް ފަހު އެ މަގާމަށް ވެސް ބޭފުޅަކު ހަމަޖައްސަވާފައެއް ނުވެ އެވެ.