ޒިނޭގެ ކުށް ސާބިތުވެ 100 އެތިފަހަރުން ހައްދުޖެހުމަށް ހުކުމް ކުރެވުނު 15 އަހަރުގެ ކުޑަކުއްޖާގެ މައްސަލައަކީ ކޯޓަށް ހުށަހެޅިގެންވާނޭ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެ އެވެ.

ހައްދު ޖެހުމަށް ހުކުމް ކުރެވިފައިވާ އެ އަންހެން ކުއްޖާގެ މައްސަލައިގައި ބައިނަލްއަގްވާމީ މުޖްތަމައުއިން ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އެ ކަމަށް ޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އިނގިރޭސިބަހުން މިއަދު ޝާއިއުކޮށްފައިވާ ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، އެ މައްސަލައަކީ ކޯޓުތަކަށް ހުށަހެޅިގެންވާނޭ މައްސަލައެއް ނޫން ކަމަށާއި އަދި ކުރިއަށް އޮތް ތާނގައި އެފަދަ މައްސަލަތައް ކޯޓާ ހަމައަށް ނުގެނެސް ފަރުޖެހޭނޭ ގޮތެއް ހެއްދެވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި 15 އަހަރުގެ އަންހެންކުއްޖާގެ މައްސަލަ މިހާރު އިސްތިއުނާފު ކޮށްފައިވާ ކަމަށާއި އަދި އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށް ދިނުމަށް ޝަރުއީ ދާއިރާގައި އެދިވަޑައިގެންފައި ވާނޭ ކަމަށެވެ. އަދި އެކުއްޖާ އާއި ދައުލަތުގެ ބަންޑާރަ ނައިބު ބައްދަލު ކުރައްވައިފައިވާ ކަމަށާއި އެ އަންހެން ކުއްޖާ މި ވަގުތު ހުރީ މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ހިޔުމަން ރައިޓްސްގެ ފުރިހަމަ ބެއްލެވުމުގެ ދަށުގައި ކަމަށާއި، އެ ކުއްޖާ އަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޭނުންވާ ކައުންސެލިން ފޯރުކޮށްދެވެމުންދާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

އަންހެންކުއްޖާގެ އެ މައްސަލަ މިވަގުތު ޝަރުއީ މަރުހަލާގައި ކުރިއަށް ގެންދާތީ މައްސަލަ ނިމެންދެން ބައިނަލްއަގްވާމީ ފަރާތްތަކުން ކެތްތެރިވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުންނާއި ބައްޕައެއްގެ ހައިސިއްޔަތުން، ރާއްޖޭގެ އަންހެނުންނާއި އަންހެންކުދިންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރި ކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރާއްޖެއަކީ ދީނީ ހަމަތަކާ އެއްގޮތަށް ޑިމޮކްރަސީގެ އުސޫލުތައް އާލާ ކުރުމަށް މަސައްކަތްކުރަމުން އަންނަ، އަދި ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމެއްކަމަށާއި އެހެންކަމުން އެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންފުޅުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. ހަމަ އެހެންމެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާ ގޮވުންތަކުގެ ސަބަބުން ރާއްޖެ އަށް އިގްތިސާދީ ގޮތުން ހުރި ފުރުސަތުތަކާއި އަންހެނުންނާއި އަންހެން ދަރީންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅި އޭގެ ސަބަބުން ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ އެންމެހައި ދިވެހީންނަށް ނޭދެވޭ އަސަރު ކުރާނޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.