ލ. ގަމުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން އިއުލާންކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގަމުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 4:00 އަށް އެމްޑަބްލިޔުއެސްސީގައި ކަމަށެވެ. އަދި ބީލަން ފޮތް ދޫކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރަސްމީގަޑީގައި ފެން ބިލްޑިންގައި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ގަމުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައި ވަނީ ވަކި ވަކިންނެވެ. ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ އިތުރުން ސީއައުޓްފްލޯތައް ގާއިމުކުރުމާއި ޕަމްޕް ސްޓޭޝަންތައް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް އެ ކުންފުނިން ވަނީ އިއުލާން ކޮށްފަ އެވެ.

ގަމުގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރަނީ ފްރާންސްގެ އޭއެފްޑީގެ ލޯން އެހީގެ ދަށުން ނެވެ. އެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އެންވަޔަރަމަންޓް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެމްޑަބްލިޔުއެސްސީއާ އެންވާރަމެންޓް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ގަމުގެ ތިން ސަރަހައްދެއްގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރަންޖެހޭ އިރު އޭގެ ތެރޭގައި ހިމެނެނީ ގަމުގެ ސިނާއީ ސަރަހައްދާއި މަތިމަރަދޫ އަވަށާއި ތުނޑީ އަވަށުގެ އިތުރުން މުކުރިމަގު އަވަށެވެ.

ގަމުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައި ވަނީ ދޮޅުއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.