09 Apr 2013, 21:36
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މަޖިލީހުގެ މެންބަރުންނަށް އޮންނަ ހެލްތު އިންޝުއަރެންސާއި އޮފިޝަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭން ވާނެ ކަމަށް މަޖިލީސް މެންބަރުންގެ އިމްތިޔާޒްތަކުގެ ގާނޫނުގައި ބުނެފައިވާ ދެ މާއްދާ އުވާލުމަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމް ހުށަހެޅުއްވައިފި އެވެ.
މިހާރު އަމަލުކުރަމުންދާ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ބިލުގެ އަށް ވަނަ މާއްދާ (ޅ)ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސުކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ކ) ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންކޮށްފައިވާ ކޮންމެ މީހަކަށް އޮފިޝަލް ޕާސްޕޯޓެއް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
އެ އިސްލާހާ ބަލައިގަތުމާ ގުޅޭ ގޮތުން މިއަދު ވަނީ މަޖިލީހުގައި ބަހުސް ފަށައިފަ އެވެ.
އެ ދެ އިސްލާހު ހުށަހަޅުއްވުމަށް ފަހު ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ މައުސޫމް ވިދާޅުވީ އިމްތިޔާޒްތަކާ ބެހޭ ގާނޫނަށް އެ ދެ އިސްލާހް ހުށަހެޅީ މިހާރު އެ ގާނޫނުގައި ބުނެފައިވާ ގޮތަށް މަޖިލީސް މެންބަރުކަމުން ވަކިވުމަށް ފަހު އެފަދަ އިސްލާހްތައް ލިބެންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ.
އެ އިސްލާހުތަކާ އެއްވެސް މެންބަރަކު ދެކޮޅު ހައްދަވާފައިނުވި ނަމަވެސް އެމްޑީޕީ ބައެއް މެންބަރުން ވަނީ އެ އިސްލާހުތައް ހުށަހަޅާފައިވާ ގޮތާ މެދު ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
މެންބަރުކަމުން ވަކިވުމަށް ފަހު ވެސް އެ ގާނޫނުގެ ދަށުން މާލީ ބޮޑެތި އިނާޔަތްތަކެއް ދައުލަތުން ކުރަން ޖެހޭ ގޮތަށް އޮންނަ އިރު އޭގެ ތެރެއިން ދެ މާއްދާއަކަށް އިސްލާހު ހުށަހަޅުއްވާފައި ވާތީ އެކަން ވަނީ މެންބަރުން ފާހަގަ ކުރައްވައިފަ އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މެންބަރު ކަމުން ވަކި ވުމަށް ފަހު ލިބެން ޖެހޭނެ ކަމަށް މިހާރު ބުނެފައިވާ އިނާޔަތްތަކާއި އިމްތިޔާޒްތައް ނޯންނަ ގޮތަށް ގިނަ މާއްދާތަކަށް އެ ޕާޓީން އިސްލާހްތަކެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ ދެ އަކުރަކަށް އިސްލާހް ހުށަހަޅާފައިވާ އިރު އިސްލާހު ހުށަނާޅާ އޮތް އެހެން މާއްދަތަކަކީ ވެސް އުވާލަން ޖެހޭ މައްދާތަކެއްކަން ބައެއް މެންބަރުން ފާހަގަ ކުރެއްވެވި އެވެ.
އެގޮތުން އިސްލާހު ހުށަނާޅާ އޮތް މާއްދާތަކުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ހ) ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުކަން އެއް ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް މަޖިލިސް މެންބަރެއްގެ މުސާރައިގެ 30 ޕަސެންޓް ދައުލަތުން ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އިނާޔަތް ލިބެނީ އުމުން 55 އަހަރުންވުމުން ކަމަށާއި އެ އިނާޔަތް ލިބެމުންދާ އިރު ދައުލަތުން އެހެން އެއްވެސް އިނާޔަތެއް ނުލިބޭނެ ކަމަށް ބުނެފައިވެ އެވެ.