09 Apr 2013, 21:12
ނުކުޅެދޭ އަންހެނަކާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ގއ. ގެމަނަފުށިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ގެމަނަފުށީ ކައުންސިލްގެ މެންބަރު މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ 11:15 އެހައިކަންހާއިރު އެރަށުގެ ގެޔަކަށް ވަދެ 32 އަހަރުގެ ނުކުޅެދޭ އަންހެނަކާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އެމީހާއަކީ އެރަށު ހޮޓަލެއްގައި މަސައްކަތް ކުރަމުންގެންދާ މީހެއްކަމަށް ވެސް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނުކުޅެދޭ އަންހެން މީހާއާ މެދު ބިދޭސީ މީހާ ގަދަކަމުން ޖިންސީ ގުޅުން ހިންގިކަން ފަޅާއެރީ އާދީއްތަ ދުވަހުގެ ރޭ 11:15 ހާއިރު އެރަށު ގެއަކުން އޭނާ ނުކުމެގެން ދަނިކޮށް އެވަގުތު އޭނާގެ އަމަލުތަށް ހުރިގޮތުން ރަށު ބަޔަކު ނުކުމެ އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުން ކަމަށެވެ. އަދި ވިދާޅުވީ ޖިންސީ ގުޅުން ހިންގިކަމުގެ އަލާމާތްތައް އޭނާގެ ހަށިގަނޑުން ފެނިގެން އެރަށު ބަޔަކު އޭނާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ފުލުހުންނާ ހަވާލު ކުރީ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބިދޭސީ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމަށް 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.