09 Apr 2013, 20:43
ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީނުކުރާ މޯބައިލް ފޯނުގެ ސިމް ކާޑު ބޭނުންކޮށްގެން، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލުތައް ހިންގަމުން ގެންދާތީ، ރާއްޖޭގައި ގާއިމް ކުރެވިފައިވާ މުވާސަލާތީ ކުންފުނިތަކުން ދޫކުރަމުންދާ ސިމް ކާޑުތައް ބޭނުންކުރުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިކަން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މި އުސޫލުގެ ދަށުން އެފަދަ ސިމް ކާޑުތައް ރަޖިސްޓްރީ ކުރެވޭނެ ހަރުދަނާ ގޮތްތަކެއް ހަމަޖެއްސެވުމަށްވެސް މިއަދު ނިންމާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.