ސިފައިންގެ ޝަރަފުގެ މެޑެލް ނުޖަހައި ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ޝަރަފުގެ މެޑެލާއި ކުލަބަރި ނުޖަހައި ވަޑައިގަތުމަކީ ދިގުމުއްދަތަކަށް ސިފައިންގެ ވަޒީފާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ ގިނަ ދިގުމުއްދަތަކަށް ސިފައިންގެ ވަޒީފާގައި އުޅުއްވުމަށްފަހު ރިޓަޔާ ކުރެއްވިއިރު ލިބިވަޑައިގެންފައިވާ ޝަރަފުގެ މެޑެލާއި ކުލަބަރި ޖަހައިގެން ތަންތަނަށް ވަޑައިގަތުމަކީ ގާނޫނީގޮތުން ހުއްދަ ކަމެއް ކަމަށެވެ.

ސިފައިންގެ ވަޒީފާގައި ގިނަ ދުވަސް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅުންގެ ހައްގުގައި ޝަރަފުގެ މެޑެލާއި ކުލަބަރި ނުޖައްސަވައި އެއްވެސްތަނަކަށް ވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ޝަރަފުގެ ނިޝާން ބޭނުންނުކުރެވޭ ގޮތަކަށް އެއްވެސްތަނަކަށް ދިއުމަށް އަޅުގަނޑު އުޒުރުވެރިވަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް އެމަނިކުފާނު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވިއިރު ކޯޓުގައި ޝަރަފުގެ މެޑެލް ޖައްސަވާފައި ހުރުމުން ޖަލްސާ ހޫނުވެ އެ ވޯޓު އިއްޔެ ނެގޭގޮތެއް ނުވިއެވެ.