09 Apr 2013, 17:54
އޭއެފްސީ ކަޕުގެ ގްރޫޕް އެފްގައި މިއަދު ހަވީރު ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މިޔަންމާގެ ޔަންގޮން ޔުނައިޓެޑް ބައްދަލު ކުރި މެޗު ތިނެއް އެކަކުން ޔަންގޮން ބަލިކޮށް ނިއު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މިއަދުގެ މެޗުގައި ނިއުއިން ޖެހި ތިން ލަނޑު ވެސް ޖަހައިފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން ނިއުގެ ފުރަތަމަ ލަނޑު ޖަހައިފައި ވަނީ މެޗުގެ 31 ވަނަ މިނެޓުގައި އަލީ އުމަރު ތަނަވަސް ކޮށްދިން ފުރުސަތަކުން މުހައްމަދު އުމެއިރުއެވެ. އަދި މެޗުގެ 39 ވަނަ މިނިޓުގައި ރިލްވާން ވަހީދު (ރިލޭ) ތަނަވަސް ކޮށްދިން ފުރުސަތަކުން ނިއުގެ ދެވަނަ ލަނޑު އެކުލަބަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ނިއުގެ ތިންވަނަ ލަނޑު ޖަހައިފައި ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެ ކުލަބުގެ ގިނީ ޑިފެންޑަރު މަންސާއެވެ. ޔަންގޮންގެ ގޯލް އޭރިޔާތެރެއަށް އުމެއިރު ނަގައިދިން ކޯނަރު ސެންޓޭގެ ބޮލުގައި ޖެހިފައި ގޯލް ކުރިމަށްޗަށް ހުރަސްވި ވަގުތު މަންސާ ވަނީ ބޮލުންޖައި ބޯޅަ ގޯލްގެތެރެއަށް ފޮނުވައިލާފަ އެވެ.
މުހިއްމު ހަ ކުޅުންތެރިޔަކު ޓީމުގައި ނެތި ކުޅުނު ޔަންގޮންއަށް މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 89 ވަނަ މިނިޓުގައި އެޓީމަށް ކުޅޭ ބިދޭސީ ފޯވަޑް އެޑަމާ ކޯނޭއެވެ. އަދި އޭގެ ކުރިން މެޗުގެ 51 ވަނަ މިނިޓުގައިވެސް ކޯނޭއަށް ވަނީ ލަނޑެއް ޖާހާނޭ ރީތި ފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް އޭރިޔާގެ ރޮނގުމަތިން އޭނާ ފޮނުވައިލި ބޯޅަ ނިއުގެ ހުޝިޔާރު ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފައެވެ.
މިއަދުގެ މެޗުގައި އަނިޔާގެ ސަބަބުން ނިއުގެ ނުރައްކާތެރި ފޯވަޑް އަލީ އަޝްފާގު (ދަގޭ) އަށް ނުކުޅެވުނު ނަމަވެސް ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފްވަނީ އެތަން ފޫބައްދައި، އޭނާގެ ޓީމުލައްވައި ރަނގަޅު ކުޅުމެއް ދައްކުވައިދީފައެވެ. އަދި ހަމައެހެންމެ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު މިއަދުގެ މެޗަށް ނުކުތް ނިއުގެ ތަޖުރިބާކާރު ފޯވަޑް އަލީ އުމަރުގެ ކުޅުން ފާހަގަ ކޮށްލެވެއެވެ.
މިމަހުގެ ތިންވަނަ ދުވަހު ޔަންގޮންއާ ދެކޮޅަށް މިޔަންމާގައި ކުޅުނު މެޗުން ދޭއް ސުމަކުން ބަލިވީ ނަމަވެސް މިއަދުގެ މެޗުހައި ނިއުއިންވަނީ، މިޔަންމާގައި ޔަންގޮންއާ ދެކޮޅަށް ކުޅެ ދޭއްސުމަކުން ބަލިވީ ކީއްވެބާއޭ ބުނެ ސުވާލު އުފައްދާވަރުގެ ރަނގަޅު ކުޅުމެއް މިއަދުގެ މެޗުގައި ދައްކުވައިދީފައެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޔަންގޮންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް މިއަދުގެ މެޗުގައި ނިއުއިން ވަނީ ކުރިމަތި ކުރުވާފައެވެ.
މިއަދުގެ މެޗުން މޮޅުވުމުން ނިއުއަށް މިހާރުވަނީ ކުޅުނު ހަތަރު މެޗުން ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެން ފައިދާ އަށް ލަނޑާއެކު ތާވަލުގެ އެއްވަނަ ހޯދާފައެވެ. އަދި ނުވަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ފައިދާ ފަސް ލަނޑާއެކު އޮތީ ޔަންގޮން ޔުނައިޓެޑްއެވެ. ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި ސަހަންއި އޮތްއިރު ކުރިއަށް އޮތް ދެމެޗުން މޮޅުވެވިއްޖެ ނަމަ އެކުލަބަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެހެން ނަމަވެސް ތާވަލުގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތް އިންޑޯނޭޝިޔާގެ ޕާސިބޯއަށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފައެވެ.
މިމަހުގެ 24 ވަނަ ދުވަހު ހޮންކޮންގެ ސަންހައިއާ ދެކޮޅަށް ސިން ޔީ ސްޕޯޓްސް ގްރައުންޑުގައި ކުޅޭމެޗުން އެއްވަރު ނުވަތަ މޮޅު ވެވިއްޖެ ނަމަ ނިއުރޭޑިއެންޓަށް މުބާރާތުގެ ދެވަނަ ބުރު ޔަގީން ކުރެވޭނެއެވެ. އަދި ޔަންގޮންއަށްވެސް ޕާސިބޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެވިއްޖެ ނަމަ މުބާރާތުގެ ދެވަނަ ބުރު ޔަގީން ވާނެއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް އެފްގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ސަންހައި އާއި ޕާސިބޯ ބައްދަލު ކުރި މެޗު އަށެއް ސުމަކުން ކާމިޔާބު ކުރީ ސަންހައިއެވެ.