09 Apr 2013, 16:27
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ ކުރިން އޮތް ދެ ރިސޯޓެއް ރަހުނުކޮށް ނަގާފައިވާ 117 މިލިއަން ރުފިޔާގެ ލޯނަށް ފައިސާ ދެއްކުމަށް ކޯޓުތަކުން ކޮށްފައިވާ ހުކުމާ ފުށުއަރާ ގޮތަށް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ހުރިހާ ކްރެޑިޓް ފެސިލިޓީސްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އުފައްދާފައިވާ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ތުހުމަތު ކުރާ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަންފަށައިފި އެވެ.
އޭސީސީގެ ނާއިބް ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ހުރިހާ ކްރެޑިޓް ފެސިލިޓީސްތައް ބީއެމްއެލް އިން އުފައްދާފައިވާ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ކުރަމުންދާ ކަމަށް ތުހުމަތު ކުރާ މަސައްކަތުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް އެކުލެވޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދިނުމަށް އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް މިއަދު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތޯ ބަލަމުން އަންނަ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.
"އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތޯ އަޅުގަނޑުމެން މިގެންދަނީ ބަލަމުން،" މުއައްވިޒު ވިދާޅުވި އެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން ނެގި 117 މިލިއަން ރުފިޔާގެ ލޯނަށް ގެރެންޓީ ދީފައިވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވަ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން އެ ލޯނަށް ގެރެންޓީދިން އެހެން ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ އެ ލޯނަށް ދައްކަންޖެހޭ 117 މިލިއަން ރުފިޔާ ދެއްކުމަށެވެ. އަދި އަލީ އާޒިމް މެންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ ދެއްކުމަށް ހުކުމް ކޮށްފަ އެވެ.
އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ބީއެމްއެލް އިން އުފެއްދި ކުންފުނީގެ ދަށަދަށް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން ފައިސާ ދައްކަންޖެހޭ ލޯނުތައް ސިވިލް ކޯޓާއި ހައިކޯޓުން ކޮށްފައިވާ ހުކުމާއި ޚިލާފަށް ބަދަލުކުރަމުން ދަނީ ދައުލަތުގެ ބައެއް ވުޒާރާތަކުން ގުޅިގެން ކަމަށެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ދައުލަތުގެ ޓެކްސް އިދާރާ މީރާގައި ތިއްބެވި ސިޔާސީ ފަރާތްތަށް ގުޅިގެން "ބިޔަ ކޮރަޕްޝަންގެ" އަމަލެއް ހިންގަމުން ގެންދާކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އެ ފަރާތުން ހުށަހެޅި މައްސަލައިގައި ވަނީ ބުނެފަ އެވެ.