09 Apr 2013, 16:20
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް ފަރާތަކަށް އިސްލާމިކް މިނިސްޓްރީ އިންދީ އެކަން އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ މިއަދު ވިދާޅުވީ މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް އެދި 17 ފަރާތަކުން ކުރިމަތިލުމުން އެ ފުރުސަތު ދީފައި ވަނީ އަށް ފަރާތަކަށް ކަމަށެވެ. އެފަރާތްތަކަކީ މިނާ ހައްޖު އުމުރާ ޕްރައިވެޓް ލިމިޓެޑާއި ޔޫ އެސް އިންވެސްޓްމަންޓް ޕްރައިވަޓް ލިމިޓެޑް އާއި ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕުގެ އިތުރުން ހަމަލަތުލް އިހްލާސުލް ލިލް ހައްޖު ވަލްއުމުރާ ޕުރައިވެޓް ލިމިޓެޑާއި އެކްރޯ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްބަޓްރޮސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި އަތަމާ ހައްޖު ގްރޫޕު ޕްރަވައިވެޓް ލިމިޓެޑާއި ޒައީ ގުރޫޕް ޕުރައިވެޓް ލިމިޓެޑް އެވެ.
މުހައްމަދު ދީދީ ވިދާޅުވީ ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ޓަކައި މިފަހަރު ރާއްޖެ އަށް ސައުދީ އަރަބިއްޔާ އިން ދީފައިވާ 1000 މީހުންގެ ކޯޓާގެ ތެރެއިން 874 ކޯޓާ އެ އަށް ގްރޫޕަށް ހަމަހަމަކޮށް ދީފައިވާ އިރު އަނެއް 126 ކޯޓާ ހާއްސަކޮށްފައި ވަނީ މިދިޔަ އަހަރު ޖަމާއަތަކަށް ފައިސާ ދައްކައިގެން ހައްޖަށް ނުދެވިފައިވާ މީހުންނަށެވެ. އަދި އެެ ކޯޓާގެ މައްސަލަ އަންނަ ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ފައިސާ ނަގައި މީހުން ހައްޖަށް ނުފޮނުވާ ޖަމާއަތަކީ މަލީޝާ ހައްޖު ޖަމާއަތެވެ. އެ ޖަމާއަތުން 175 މީހެއްގެ އަތުން 11.9 މިލިއަން ރުފިޔާ ނަގާފައިވެ އެވެ.
އޭނާ ވިދާޅުވީ ހައްޖަށް ދިއުމަށް ޓަކައި މިފަހަރު ކޮންމެ ޖަމާއަތަކުން ވެސް މީހެއްގެ އަތުން ނެގޭނީ 67000ރ. ކަމަށާއި އޭގެ އިތުރުން ފައިސާއެއް ނަގާ ނަމަ ނަގަން ވާނީ ހައްޖަށް ދިއުމަށްދޭ ހިދުމަތުގެ އިތުރު ހިދުމަތަކަށް އެފަރާތަކުން އެދޭ ނަމަ ކަމަށެވެ. އަދި މިފަހަރު މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ނުގެންގޮސްފި ނަމަ އަދި ކޯޓާ ކެންސަލް ކޮށްފި ނަމަ އެ މައްސަލަ ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.