ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރާއްޖެ ޓީވީ އަށް އެއްބާރުކުން ނުދޭ މައްސަލާގައި އެ އޮފީހުގެ މީޑީއާ ސެކްރެޓަރީ މަސްހޫދު އިމާދާއި ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރުކުރަން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ރައީސް އޮފީހުން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭ މައްސަލާގައި މީގެ ކުރިން ވެސް ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ އާއި ކެބިނެޓް ސެކްރެޓަރީ އަދި ޑެޕިއުޓި އަންޑާ ސެކްރެޓަރީ މުހައްމަދު ސައީދު މޫސާ ވަޖުދީ އަށް ކޮމެޓީ އަށް ހާޒިރު ވުމަށް އަންގައިފައި ވާނެ ކަމަށެވެ. ނަމަވެސް އެ ކޮމެޓީއަށް އެ ބޭފުޅުން ހާޒިރުވެފައި ނުވާ ކަމަށެވެ.

ރައީސް އޮފީހުން މިއަދު ކޮމެޓީ އަށް ފޮނުވި ސިޓީއަކާ ހަވާލާ ދެއްވައި އަލީ ވަހީދު ވިދާޅުވީ ކޮންމެ އަންގާރަ ދުވަހަކީ ވަޒީރުންގެ މަޖިލީހުގެ ބައްދުލުވުން ބާއްވާ ދުވަސް ކަމަށާއި މިއަދު ކޮމެޓީ އަށް ހާޒިރުވެވެން ނެތް ކަމަށް އެ ތިން ބޭފުޅުން އަންގަވާފައިވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުކުރެއްވުން އެހެން ދުވަހަކަށް ފަސްކޮށްދެއްވައިފި ނަމަ ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް އޮފީހުގެ ސިޓީއާ ގުޅިގެން ކޮމެޓީން ނިންމެވީ އެ ތިން ބޭފުޅުން މާދަމާ ހެނދުނު 11:15 އަށް ހާޒިރު ކުރުމަށެވެ. އެ ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރުމަށް އަމުރު ނެރުމަށް ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ. އެ ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރުމަށް ޕީޕީއެމް އިން ވަނީ ތާއިދުކޮށްފަ އެވެ.

ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭ މައްސަލާގައި މީޑިއާ ކައުންސިލް ވަނީ ސަރުކާރުގެ މަސްއޫލީއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ވެސް ހާޒިރުކޮށްފަ އެވެ.