09 Apr 2013, 14:57
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ކަމަށް ވާ، ގާނޫނީ ހަމަތަކާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެއްޖެ ނަމަ މާލީ އިނާޔަތްތައް ނުލިބޭ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި އެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ އިނާޔަތްތަކުގެ ގާނޫނުގެ ތިންވަނަ މާއްދާއަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލީހުން ބަލައިގެންފައިވަނީ އެބިލް ބަލައިގަތުމަށް ފެންނަ ކަމަށާއި ނުފެންނަ ކަމަށް ދިން ވޯޓް ހަމަހަމަ ވުމާ އެކު ރިޔާސަތުން އެ ބިލް ބަލައިގަންނަން ފެންނަ ކަމަށް ދެއްވި ވޯޓާ އެކުގައެވެ. ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ ބިލް ބަލައިގަތުމަށް ވޯޓު ދެއްވުމުގެ ކުރިން ވިދާޅުވީ ބިލެއް ބަލައިގަތުމާއި މެދު ރިޔާސަތުން އަމަލުކޮށްފައިވާ ގޮތަކީ އެބިލް ބަލައިގަތުމަށް ވޯޓުދިނުން ކަމަށެވެ. އެހެންކަމުން ބިލް ބަލައިގަތުމާ ދެކޮޅަށް 29 މެންބަރުން އަދި ބަލައިގަތުމަށް 30 ވޯޓުވަނީ ލިބިފަ އެވެ.
ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހްގައި ބުނަނީ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު ކުށްވެރިނުވެ، ގާނޫނީ ހަމަތަކުގެ މަތިން އެމަގާމުން ވަކިވެއްޖެ ނަމަ މާލީ އިނާޔަތްތައް ލިބިދޭން ޖެހޭނެ ކަމަށެވެ. އެގޮތުން 50،000ރ. ދޭންޖެހޭނެ ކަމަށާއި އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ރައީސުންނަށް 75،000ރ. ދޭންޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ރައީސަކު ކުށްވެރިވެ، ގާނޫނީ ހަމަތަކާ ހިލާފަށް މަގާމުން ވަކިވެއްޖެނަމަ މާލީ އިނާޔަތް ނުލިބޭނެ ގޮތަށް އިސްލާހު ހުށަހަޅުއްވާފައިވާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސްކަމުން އިސްތިއުފާދެއްވީ "ބަޣާވާތް"ކޮށްގެން ކަމަށް އެމްޑީޕީން ތުހުމަތު ކުރެ އެވެ. "ބަޣާވާތް"ކޮށްގެން ވެރިކަމުން އިސްތިއުފާދޭން މަޖުބޫރު ކުރުވައިގެން ރައީސަކު ވެރިކަމުން ދުރުކޮށްފި ނަމަ ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހު ބުނާ ގޮތުން އިނާޔަތްތަކެއް ނުލިބޭނެ އެވެ.
ރިޔާޒު ރަޝީދު ވަނީ މީގެ ކުރިން ވެސް އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. ރައީސްކަންކޮށްފައިވާ ބޭފުޅަކު ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ ގޮތަކަށް އަމަލު ކުރުމާއި އެކަމަށް ހިއްވަރުދިނުމާއި ނުވަތަ އެފަދަ ކަމަކަށް ގޮވާލައިފި ނަމަ އެންމެހައި އިނާޔަތްތަކާއި ރައްކާތެރިކަމުން މަހުރޫމްވާނެ ކަމަށް ބުނެ، ހުށަހެޅި އިސްލާހު ބޭރުކޮށްލީ 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ.