09 Apr 2013, 14:25
ނުކުޅެދޭ ކުއްޖަކާ ޖިންސީ އަމަލެއް ހިންގި މީހަކު 10 އަހަރަށް ޖަލަށް ލާން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ޅ. ނައިފަރު ނިވައިދޮށުގޭ މުހައްމަދު އިބްރާހީމްގެ މައްޗަށެވެ.
ނައިފަރު ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.
އުމުރުން 18 އަހަރުގެ ނުކުޅެދޭ ކުއްޖާއާ، އޭނާ ޖިންސީ ގުޅުން ހިންގާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ 11:30 ހާއިރު އޭނާގެ ގޭގެތެރޭގައި ކަމަށް ވެސް ނައިފަރު ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
ނައިފަރު ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ ދައުވާއަށް މުހައްމަދު އިބްރާހީމް އިންކާރު ކުރިނަމަވެސް ދައުވާގެ ބައެއްކަންތައްތަކަށް އޭނާ އިއުތިރާފުވި ކަމަށެވެ. އަދި އޭގެއިތުރުން ދައުލަތުން ހުށަހެޅި ހެތްކާއި ގަރީނަތަކާއި އޭނާ އިއުތިރާފުވިކަންތަކަށް ރިއާޔަތް ކުރުމުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވީ ކަމަށް ވެސް ނައިފަރު ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އަހްމަދު އިބްރާހީމްގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ. އެ ގާނޫނޫގެ ތިންވަނަ މާއްދާގެ (ނ) ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.