09 Apr 2013, 13:53
ކޮސޯވޯގެ ދައުލަތް ބަލައިގަތުމަށް އޭރުގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު މެދުވެރިކުރައްވައިގެން ޕްރެޝާކޮށްފައި ވަނީ އެމެރިކާ އިން ކަން ވިކިލީކްސް އިން އެންމެ ފަހުން ލީކުކޮށްލާފައިވާ ކޭބަލްތަކުން ހާމަވެއްޖެ އެވެ.
ވިކިލީކްސް އިން އިއްޔެ ލީކުކޮށްލި ކޭބަލްތަކުގެ ތެރެއިން ރާއްޖެ އިން ކޮސޯވޯ ބަލައިގަތުމުގެ ވާހަކަ އެންމެ ފުރަތަމަ ފާހަގަކުރެވެނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ ކޭބަލް އެއްގަ އެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީ އިން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓަށާއި ނިއު ޔޯކުގައި ހުންނަ އދ.ގެ އިދާރާ އަށް ފޮނުވާފައިވާ "އަންކުލެސިފައިޑް" ކޭބަލްގައި ބުނެފައި ވަނީ 2009ގެ ޖެނުއަރީ 8 ވަނަ ދުވަހު އެމެރިކާގެ ސަފީރު ރޮބާޓް ބުލޭކާއި ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެބައްދަލުވުމުގައި ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމަށް ދިވެހި ސަރުކާރުގައި ވަކާލާތުކޮށްދިނުމަށް ބުލޭކް ޝަހީދުގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
ކޮސޯވޯ ބަލައިގަތުމަށް މަސައްކަތްކޮށް ދެއްވުމަށް ބުލޭކް އެދިވަޑައިގަތުމުން ޑރ. ޝަހީދު އެކަމަށް ޝައުގުވެރިވާކަން ފާހަގަކުރެއްވި ކަމަށާއި ރިޔާސީ ކެމްޕެއިންގެ ތެރެއިން ކޮސޯވޯ ބަލައިގަތުމަށް ޑރ. ޝަހީދު ގޮވާލައްވާފައިވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ލީކުކޮށްލާފައިވާ ކޭބަލްގައި ބުނެފައިވެ އެވެ.
"ދިވެހި ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓްނަރުންނަށް ކޮސޯވޯ ބަލައިގަތުމުގެ މުހިއްމުކަން ވިސްނައިދިނުމަށް އެމެރިކާގެ އެހީއަށް ޑރ. ޝަހީދު އެދުނު. ސަފީރު އެހީ ދެއްވުމަށް އެއްބަސްވެލެއްވި. އަދި ގުޅަންވީ މީހުންގެ ނަމްބަރުތައް ޑރ. ޝަހީދު ފޯރުކޮށްދޭނެ،" ކޭބަލްގައި ބުނެފައިވެ އެވެ.
އެ ކޭބަލް ނިންމާލަމުން ބުނެފައި ވަނީ ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކޮސޯވޯގެ މިނިވަންކަން ރާއްޖެ އިން ބަލައިގަތުމަށް ބާރުއެޅުމަށް މަސައްކަތްކުރަމުންދާނެ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ދެވަނަ ކޭބަލްއަކީ ވެސް "އަންކުލެސިފައިޑް" ކޭބަލެކެވެ. ދެހާސް ނުވަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ އެމްބަސީ އިން، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓަށާއި އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީއަށާއި ކޮސޯވޯގެ ޕްރިސްޓީނާގައި ހުންނަ އެމެރިކާގެ އެމްބަސީއަށާއި ސާބިއާގެ ބެލްގުރޭޑުގައި ހުންނަ އެމެރިކާގެ އެމްބަސީއަށާއި ނިއު ޔޯކުގައި ހުންނަ އދ.ގެ އިދާރާ އަށް ފޮނުވާފައިވާ ކޭބަލްގައި ބުނެފައި ވަނީ ދިވެހިރާއްޖެ އިން ކޮސޯވޯއާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށް، ކޮސޯވޯ ބަލައިގަތުމަށް ނިންމާފައިވާ ކަމަށް އަންގާ ސަރުކާރުގެ ލިޔުމެއް ޑރ. ޝަހީދު އެމްބަސެޑަރު ބުލޭކަށް ފޮނުއްވާފައިވާ ކަމަށެވެ.
ދިވެހި ސަރުކާރުގެ ސްޓޭޓްމަންޓުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ ގިނަ އަވައްޓެރި ގައުމުތައް ހިމެނޭ ގޮތަށް 55 ގައުމަކުން ކޮސޯވޯގެ މިނިވަންކަން ބަލައިގެންފައިވާ ކަމަށާއި ރާއްޖެއަކީ އދ.ގެ ޗާޓަރާ އެއްގޮތްވާ ހާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމެއް ކަމަށެވެ.
އެމެރިކާގެ ކޭބަލްގައި އިތުރަށް ބުނެފައި ވަނީ ރާއްޖެ އިން ކޮސޯވޯ ބަލައިގަތުމަށް ނިންމާފައިވާ ކަމަށް ބުނެފައި މިވަނީ "ކުޅަނދާނަ" ޑރ. ޝަހީދުގެ މަސައްކަތުން ކަމަށާއި ދިވެހިރާއްޖެ އިން ކޮސޯވޯ ރަސްމީކޮށް ބަލައިގަތުމާ އެކު، ޑރ. ޝަހީދަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންގެ ފަރާތުން ޝުކުރު އަދާކޮށް މެސެޖެއް ފޮނުވުމަށް އެމްބަސީ އިން އެދޭ ކަމަށެވެ.
ރާއްޖެ އިން ކޮސޯވޯ ބަލައިގަތުމުގެ މައްސަލާގައި އެމެރިކާ އިން ފޮނުވާފައިވާ އެންމެ ފަހު ކޭބަލްއަކީ "ކޮންފިޑެންޝަލް" ކޭބަލެކެވެ.
ދެހާސް ނުވައެއްގެ މާޗު މަހުގެ ނުވަ ވަނަ ދުވަހު ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީ އިން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓަށާއި ކޮސޯވޯގެ ޕްރިސްޓީނާގައި ހުންނަ އެމެރިކާގެ އެމްބަސީއަށާއި ސާބިއާގެ ބެލްގުރޭޑްގައި ހުންނަ އެމެރިކާގެ އެމްބަސީގެ އިތުރުން އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް ފޮނުވާފައިވާ ކޭބަލްގައި ބުނެފައި ވަނީ ސާބިއާ އިން ކޮސޯވޯ ރާއްޖެ އިން ބަލައިނުގަތުމަށް އެދި ކެމްޕެއިންކުރަމުންދާ ކަމަށެވެ.
ޑރ. ޝަހީދާ ހަވާލާދީ އެމެރިކާ ކޭބަލްގައި ބުނެފައި ވަނީ ކޮސޯވޯގެ މައްސަލަ ރާއްޖޭގައި ހިޔާލުތަފާތުވުން ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށާއި ރައީސް ނަޝީދުގެ އެމްޑީޕީއާ އެކު ކުރިންސުރެ ގާތް ގުޅުންތަކެއް އޮންނަ އޮޓްޕޯ ޖަމާއަތުގެ މަންދޫބުން ރާއްޖޭގައި ކޮސޯވޯ ބަލައިގަތުމާ ދެކޮޅަށް ކެމްޕެއިންކުރަމުންދާ ކަމަށެވެ.
"ކޮސޯވޯ ބަލައިނުގަތުމަށް ވަކާލާތުކުރުމަށް ޓަކައި ރައީސް ނަޝީދުގެ އެމްޑީޕީއާ ގާތް ގުޅުންތަކެއް އޮންނަ އޮޓްޕޯ ޖަމާއަތުގެ މަންދޫބުން ސީދާ ރައީސް ނަޝީދާ ބައްދަލުކޮށް މަސައްކަތްކުރަމުންދާކަން ޑރ. ޝަހީދު ފާހަގަކުރެއްވި. އަދި ސެންޓާ ފޯ އެޕްލައިޑް ނަން-ވައޮލެންޓް އެކްޝަން އެންޑް ސްޓްރެޓެޖީސް (ކެންވަސް)ގެ މަންދޫބުން ވެސް ދަނީ ކޮސޯވޯ ބަލައިގަތުމާ ދެކޮޅަށް ވަކާލާތުކުރުމަށް ރާއްޖޭގައި މަސައްކަތް ކުރަމުން. އޮޓްޕޯ އަދި ކެންވަސްގެ ލީޑަރު ޕޮޕޮވިޗްވެސް ހުރީ ރާއްޖޭގައި." ކޭބްލަގައި ޑރ. ޝަހީދާ ހަވާލާދީ ބުނެފައިވެ އެވެ.
އޮޓްޕޯއަކީ ކުރީގެ ޔޫގޮސްލާވިޔާގައި ވެރިކަން ކުރި ސްލޮބޮޑާން މެލޯސުވިޗްގެ ވެރިކަން ވައްޓާލުމުގައި އިސް ރޯލެއް ކުޅުނު ޖަމާއަތެކެވެ.
ސިއްރުކޮށްފައިވާ މިކޭބަލްގައި ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީ އިން އެދިފައި ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކުލިންޓަންގެ ފަރާތުން ކޮސޯވޯ ބަލައިގަތުމުން ޝުކުރިއްޔާގެ މެސެޖެއް ރާއްޖޭގެ ސަރުކާރުގެ ވެރިންނަށް ފޮނުވައިފި ނަމަ، އެއީ ކޮސޯވޯ ބަލައިގަތުމަށް ދިވެހި ސަރުކާރަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.