ދިރާގް ދިވެހި ލީގުގައި މިދިޔަ ހުކުރު ދުވަހު ހަވީރު ވީބީ އަތުން 1-0 ލަނޑުން ބީޖީ މޮޅުވި މެޗުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ބަލަމުން އަންނަ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް މިއަދު ވިދާޅުވީ ވީބީ އާއި ބީޖީ މިދިޔަ ހުކުރު ދުވަހު ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ވަރަށް ސީރިއަސް ކަމާ އެކު ބަލަމުން އަންނަ ކަމަށެވެ. އަދި އެމައްސަލައާ ބެހޭ ދެ ބައްދަލުވުން މިހާތަނަށް ބާއްވާފައިވާ ކަމަށާއި އަދި އެކަމާ ބެހޭ ތިން ވަނަ ބައްދަލުވުމުން މިއަދު ވެސް އޮންނާނެ ކަމަށް ހާނިމް ވިދާޅުވި އެވެ. އަދި އެ މެޗުގެ މައްސަލަ ބެލުމަށް ފަހު މިހަފްތާ ނިމުމުގެ ކުރިން ކޮންމެ ވެސް އެއްގޮތަކަށް އެކަން ނިންމާނެ ކަމަށެވެ.

"ބީޖީ އާއި ވީބީ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ މިހާރު ދަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ބަލަމުން. މިހަފްތާ ނިމުމުގެ ކުރިން އެމައްސަލައަށް ގޮތެއް ނިންމާނެ. އެކަމާ ގުޅޭ ތިން ވަނަ ބައްދަލުވުން މިއަދު ވެސް އޮންނާނެ" ހާނިމް ވިދާޅުވި އެވެ.

އެދުވަހުގެ މެޗުގައި ވީބީ ކޮޅަށް ބީޖީން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނިޓުގައި ބީޖީއަށް ކާމިޔާބު ކޮށްދިނީ ވީބީގެ ކުރީގެ ކެޕްޓަން އަޝްހަދު އަލީ (އަޑުބަރޭ) އެވެ.

ބީޖީއާއި ވީބީގެ ކުޅުންތެރިންގެ ތެރޭގައި އެދުވަހުގެ މެޗުގައި ހަމަނުޖެހުން ބޮޑުވާން މެދުވެރިވީ، މެޗުގެ 80 ވަނަ މިނިޓްގައި އަޑުބަރޭ އާއި ވީބީގެ އިސްމާއިލް މުހައްމަދާ ދެ ކުޅުންތެރިންގެ ދެމެދުގައި ބޯޅަ އަތުލުމަށް ކުރި މަސައްކަތުގައި ތަޅާފޮޅުމެއް ހިނގުމުގެ ސަބަބުންނެވެ. އެހިސާބުން ދެޓީމުގެ ސަޕޯޓަރުންނާއި އޮފިޝަލުން ދަނޑު މައްޗަށް އަރައިގަތުމުން އެ ހަމަނުޖެހުންގަނޑު މައިތިރިކުރުމަށްޓަކައި އެތަނުގައި ތިބި ގިނަ އަދަދެއްގެ ފުލުހުން ވެސް ދަނޑު މަށްޗަށް އެރި އެވެ. އަދި އެ ހަމަނުޖެހުންގަނޑު މައިތިރި ވުމުން ރެފްރީ ވަނީ ބީޖީގެ އަޑުބަރޭ އާއި، އަހްމަދު ރިލްވާން (ރިލޭ) އަދި ވީބީގެ ވިކްޓާ ބްރެނިމިރޯއަށް ރަތް ކާޑު ދައްކާފަ އެވެ. އެހިސާބުން އަނެއްކާ ވެސް ހަމަނުޖެހުން ބޮޑުވީ، ރެފްރީ ވީބީގެ އިތުރު ކުޅުންތެރިއަކަށް ރަތް ކާޑު ނުދައްކައި ދޫކޮށްލުމުން ބީޖީގެ އޮފިޝަލުން މައްސަލަ ޖެއްސުމުންނެވެ. އެވަގުތު މެޗު އޮފިޝަލުން ރެފްރީ ރޫމަށް ދިއުމަށްފަހު އެނބުރި އައިސް މެޗު ފެށީ ކުރިން ހިނގި ހަމަނުޖެހުމާ ގުޅިގެން ވީބީގެ ހަސަން ފައިރޫޒަށް ރަތް ކާޑު ދެއްކުމަށް ފަހު އެވެ.

އެދުވަހުގެ މެޗު ބަލަން ދަނޑުގައި ތިބި ފުޓް ބޯޅައިގެ ބައެއް ތަޖުރިބާކާރުން ބުނެފައި ވަނީ އެ މެޗުގައި ހިނގި ހަމަނުޖެހުންތައް އެފްއޭއެމްއިން ރަނގަޅަށް ތަހްގީގުކޮށްފި ނަމަ އަދިވެސް ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޮޑެތި ސަސްޕެންޝަން ތަކެއް އަންނަން ޖެހޭނޭ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ސިފަކުރި ގޮތުގައި އެ މެޗުގެ ހަމަނުޖެހުން ބޮޑުވާން މެދުވެރިވީ ރެފްރީއަށް ބައެއް ކަހަލަ ނިންމުންތައް ގޯސްކޮށް ނިންމިފައި ވުމާ ވެސް އެކުގައި އެވެ.