އިނގިރޭސި ތާރީހުގައި މިހާތަނަށް ބޮޑުވަޒީރުކަން ކުރެއްވި ހަމައެކަނި އަންހެން ކަމަނާ ކަމަށް ވާ މާގަރެޓް ތެޗާއަކީ 10 އަހަރު ވަންދެން އެއްވެސް ގޮންޖެހުމެއް ނެތި، އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހު ފަސޭހަކަމާއެކު ކޮންޓްރޯލް ކުރައްވައި، ޖެހިޖެހިގެން ތިން އާއްމު އިންތިހާބު ކާމިޔާބު ކުރެއްވި ވަރުގަދަ ޝަހުސިއްޔަތެކެވެ.

ގިނަ ބައެއްގެ ދެކޮޅު ހެދުންތަކާ އެކު ވެސް، ފަސްޖެހުމެއް ނެތި އެކަމަނާ ތަންފީޒު ކުރެއްވި ސިޔާސަތުތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ އިގުތިސާދަށް ބޮޑު އިންގިލާބެއް ގެނުވި އެވެ.

އިގުތިސާދަށް އައި ބަދަލާއެކު، އޭރުގެ ސިޔާސީ މަސްރަހަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްގެން ދިޔަ އެވެ. ސޯޝަލިޒަމާ ދެކޮޅަށް ވަކާލާތުކޮށް، އިނގިރޭސި އިގުތިސާދީ ސިޔާސަތަކީ "ފްރީ މާކެޓް އިކޮނޮމިކްސް" ކަމުގައި ކަނޑައަޅުއްވައިދެއްވި ލީޑަރަކީ ތެޗާ އެވެ.

ތެޗާ އަކީ ޓްރޭޑް ޔޫނިއަންތަކުގެ މަސައްކަތްތައް މަޑުޖައްސަވާލެއްވުމާއި، ފޯކްލޭންޑްސް ހަނގުރާމާގައި އިނގިރޭސިވިލާތަށް ކާމިޔާބު ހޯދަވައި ދެއްވުމާއި، ފިނި ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އޭރުގެ ރައީސް ރޮނާލްޑް ރޭގަންއާ އެކު ސޯވިއެޓް ޔޫނިއަންއާ ކުރިމަތިލެއްވި ވަރުގަދަ ޝަހުސިއްޔަތެވެ.

މާގަރެޓް ތެޗާގެ ނަން ފާހަގަކުރެވެނީ އެކަމަނާގެ ނަމޫނާކަމުގައި ބެއްލެވި އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗާޗިލްއާއި ކުލެމެންޓް އެޓްލީ ފަދަ ޝަހުސިއްޔަތުތަކުގެ ތެރޭގައި 20 ވަނަ ގަރުނުގައި އިނގިރޭސި ބޮޑުވަޒީރުކަން ކުރެއްވި އެންމެ ވަރުގަދަ ލީޑަރުންގެ ތެރޭގަ އެވެ.

އެހެން ނަމަވެސް، އިނގިރޭސިންގެ މެދުގައި އެކަމަނާ ވެގެން ގޮސްފައި ވަނީ ހިޔާލުތަފާތުވުންތައް ގިނަ ލީޑަރަކަށެވެ. ޓްރޭޑް ޔޫނިއަންތަކުގެ މައްސަލާގައި ހާއްސަކޮށް ސިނާއީ ރަށްތަކުގައި މާގަރެޓް ތެޗާއަކީ ގިނަ ބައެއްގެ ނުރުހުމާއި ރުޅިވެރިކަން އަމާޒުވެފައިވާ ބޮޑުވަޒީރެކެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގައި ތެޗާ ހޭދަކުރެއްވި 11 އަހަރު ދުވަސް ނިމިގެން ގޮސްފައިވަނީ ވެސް ކަރުނައިގެ ތެރެއިންނެވެ. އެކަމަނާ މަގާމުން ދުރުކޮށްފައި ވަނީ، ޖެހި ޖެހިގެން ތިން އާއްމު އިންތިހާބު ލޭބާ ޕާޓީއަށް ކާމިޔާބުކޮށްދެއްވުމުގައި އެކަމަނާގެ ފަހަތުން މަސައްކަތްކުރި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނެވެ.

ލިންކޮންޝަޔާގެ ގުރަންތަމްގައި 1925 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މާގަރެޓް ހިލްޑާ ރޮބާޓްސް (މާގަރެޓް ތެޗާ) އަކީ ތަރުކާރީއާއި މޭވާ ވިއްކުމުގެ މަސައްކަތްކުރި މީހެއްގެ ދަރިއެކެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއިން ކެމިސްޓްރީގެ ދާއިރާއިން ތައުލީމް ހާސިލުކުރެއްވުމަށްފަހު، ރިސާޗް ކެމިސްޓެއްގެ ގޮތުގައި ތެޗާ މަސައްކަތް ކުރެއްވި އެވެ.

އަމިއްލަ ދިރިއުޅުމަށް ބަލާލާއިރު، 1951 ގައި ވިޔަފާރިވެރިއެއް ކަމަށްވާ ޑެނިސް ތެޗާއާ ކައިވެނި ބައްލަވައިގެން ދެ ކުދިން ލިބިވަޑައިގަތެވެ. ކެރޮލް އަދި މާކު ތެޗާއަކީ އެއްމާބަނޑު ދެ ކުދީންނެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހަށް ތެޗާ އިންތިހާބުވެވަޑައިގެންނެވީ 1959 ވަނަ އަހަރުގައި ލަންޑަންގެ އުތުރުގައިވާ ފްލިންޗްލީ ދާއިރާގެ މެމްބަރުގެ ގޮތުގައެވެ. 1959 އިން ފެށިގެން ސިޔާސީ ހަޔާތް ނިންމަވާލަންދެން ޖުމްލަ 23 އަހަރު މިދާއިރާގެ މެމްބަރުކަން މެދުކެނޑުމެއް ނެތި ތެޗާ ކުރެއްވި އެވެ.

އިދިކޮޅު ޕާޓިގެ މަސައްކަތުގެ ތެރެއަށް ތެޗާ ނިކުމެވަޑައިގެންނެވީ 1967 ވަނަ އަހަރު ޓޯރީންގެ ލީޑަރުގެ މަގާމުގައި ހުންނެވި އެޑްވަޑު ހީތުގެ ހިޔަނި ކެބިނެޓްގެ ތައުލީމާ ބެހޭ ވަޒީރުގެ މަގާމަށް ތެޗާ އައްޔަނު ކުރުމުންނެވެ.

މިދުވަސްވަރު ދެއްވި އިންޓަވިއުއެއްގައި ތެޗާ ވިދާޅުވެފައި ވަނީ އެކަމަނާގެ ހަޔާތުގައި އަންހެން ކަނބަލަކު އިނގިރޭސި ބޮޑުވަޒީރުކަން ކުރައްވާ ތަން ފެނިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް، 1974 ގައި ޖެހި ޖެހިގެން ދެ އާއްމު އިންތިހާބުން ޓޯރީންނަށް ނާކާމިޔާބާ ކުރިމަތިވުމާއެކު ޕާޓީ ލީޑަރު އެޑްވާޑު ހީތު މަގާމުން ދުރު ކުރެވުނެވެ.

މާގަރެޓް ތެޗާ އިނގިރޭސި ކޮންޒަވެޓިވް ޕާޓީގެ ޕާޓީ ލީޑަރުގެ މަގާމަށް އިންތިހާބު ވެވަޑައިގަތީ 1975 ވަނަ އަހަރު އެވެ.

ލޭބާ ޕާޓީއިން އޭރު ވެރިކަން ކުރަމުން ދިޔަ ނަމަވެސް، އޭރުގެ ބޮޑުވަޒީރު ކެލަހަންގެ ބޮޑުވަޒީރުކަމުގެ ދައުރުވެގެންދިޔައީ ކުރު ދައުރަކަށެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ނުވައެއްގައި ބޭއްވުނު އާއްމު އިންތިހާބުގައި އިނގިރޭސި ހައުސް އޮފް ކޮމަންސްގެ 44 ގޮޑިއާއެކު އަގުލަބިއްޔަތެއް ހޯދީ ތެޗާގެ ފަހަތުން މަސައްކަތްކުރި ކޮންޒަވެޓުންނެވެ. މިއާ އެކު ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް އަންހެން ބޭފުޅަކު އިންތިހާބުވެގެން ދިޔަ އެވެ.

އިގުތިސާދީ ދަތިތަކުގެ ސަބަބުން އޭރު ބައިބައިވެފައިވާ އިނގިރޭސިވިލާތް އެކަތިގަނޑަކަށް ހަދައިދިނުމުގެ ވައުދާއެކު ބޮޑުވަޒީރުކަމާ ތެޗާ ހަވާލުވި ނަމަވެސް، ތެޗާގެ ފުރަތަމަ ދެ އަހަރު ވެގެން ދިޔައީ ނާކާމިޔާބު ދެއަހަރަށެވެ.

ވަޒީފާ ނެތް މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ދިޔައިރު، އިގުތިސާދު އޮތް ވަޅުގަނޑު ދިޔައީ ފުން ވަމުންނެވެ.

މިކަންތައްތަކުގެ ސަބަބުން އިނގިރޭސި ތާރީހުގެ އެންމެ މަގުބޫލުކަން ކުޑަ ބޮޑުވަޒީރުގެ ގޮތުގައި އޭރު ފާހަގަކުރެވުނު ތެޗާއަށް އާއްމުންގެ މަގުބޫލުކަން ލިބުނީ އާޖެންޓީނާގެ "ހެޔޮއެދުންތަކާ" އެކުގައެވެ.

އާޖެންޓީނާގެ ބޭރުން އޮންނަ އިނގިރޭސިވިލާތުގެ ފޯކްލޭންޑްސްގެ ރަށްތަކަށް އާޖެންޓީނާއިން އަރައިގަތުމުން، ތެޗާގެ ކެބިނެޓުގެ ލަފާތަކާއި އަސްކަރީ ކޮމާންޑަރުންގެ އިރުޝާދާ ދެކޮޅަށް ތެޗާ ނިންމެވީ ފޯކްލޭންޑްސް އިނގިރޭސިންގެ ބާރުގެ ދަށަށް ގެނައުމަށް ޓާސްކްފޯހެއް ފޮނުވުމަށެވެ.

ފޯކްލޭންޑްސްގައި އިނގިރޭސިންނަށް ލިބުނު ކާމިޔާބާއެކު ކޮންޒަވެޓިވުންގެ މަގުބޫލުކަން އިތުރުވެގެން ދިއުމާއެކު، 1983 ގެ އާއްމު އިންތިހާބު ބޮޑު އަގުލަބިއްޔަތަކާއެކު ކޮންޒަވެޓިވުން ކާމިޔާބުކުރި އެވެ.

ދެވަނަ ފަހަރަށް ބޮޑުވަޒީރުގެ މަގާމަށް އިންތިހާބުވުމާއެކު، ތެޗާ މަސައްކަތް ފެއްޓެވީ "އެތެރޭގައިވާ ދުޝަމަނުން" ބަލިކުރެއްވުމަށެވެ. އިގުތިސާދަށް ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް ޓްރޭޑް ޔޫނިއަންތަކުގެ މަސައްކަތް މަޑުޖައްސާ، ދައުލަތުން ހިންގި ގިނަ ކުންފުނިތަކެއް ޕްރައިވެޓައިޒްކޮށް "ފްރީ މާކެޓް އިކޮނޮމިކްސް" ގެ ސިޔާސަތު ތައާރަފްކުރެއްވި އިރު، ގިނަ ފަރާތްތަކަކުން ތެޗާއާ ދެކޮޅެވެ.

ހަމަ އެއާއެކު، ސޯވިއެޓް ޔޫނިއަންގެ މައްސަލައާއި ފިނި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ އޭރުުގެ ރައީސް ރޮނާލްޑް ރޭގަންއާއެކު ތެޗާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.

މިސިޔާސަތުތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ އިގުތިސާދަށް ލިބުނު ކުރިއެރުންތަކާ ގުޅިގެން 1987 ގައި ތިންވަނަ ފަހަރަށް ބޮޑު އަގުލަބިއްޔަތަކާއެކު ކޮންޒަވެޓިވުން އާއްމު އިންތިހާބުތައް ކާމިޔާބު ކުރި އެވެ.

ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަން ކުރައްވަން ތެޗާ ފެއްޓެވި އިރު، ކޮންޒަވެޓިވް ޕާޓިގެ ގިނަ ބޭފުޅުންނާ ތެޗާއާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިގެން ދިޔަ އެވެ. ހިޔާލު ތަފާތުވުން އުފެދުނު ދެ މައްސަލައަކީ ކޮމިއުޓީ ޗާޖު ނުވަތަ ޕޯލް ޓެކްސްގެ މައްސަލައިގެ އިތުރުން ޔޫރަޕުގެ އިއްތިހާދާ ގުޅުމަށް ތެޗާ ދެކޮޅު ހެއްދެވި މައްސަލަ އެވެ.

ޕޯލް ޓެކްސްއާ ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގައި ހިނގާދިޔަ ހަމަނުޖެހުންތަކަކީ އިނގިރޭސި ތާރީހުގައި ދާހިލީ ކަމެއްގައި އެންމެ ބޮޑެތި ހަމަނުޖެހުންތައް ހިނގާދިޔަ މުޒާހަރާތަކެވެ.

ޔޫރަޕާ ގުޅުމަށް ދެކޮޅު ހައްދަވަމުން ދިއުމާއި، އެވިސްނުން ބަދަލުނުކުރެވޭނެ ކަމަށް ތެޗާ ވިދާޅުވަމުންދިއުމާ އެކު، ތެޗާގެ ޗާންސެލާ ނައިޖެލް ލޯސަން މަގާމުން އިސްތިއުފާ ދެއްވި އެވެ. އަދި ލަސްތަކެއް ނުވެ، ތެޗާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓާ ސާ ޖޮފްރޭ ހޯވް އިސްތިއުފާ ދެއްވިއެވެ. މިއީ ތެޗާގެ ސިޔާސީ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ހާދިސާއެވެ.

އޭގެ ފަހުން 1990 ގައި ޔޫރަޕުގެ ލީޑަރުން ބާލިން ފާރު ވައްޓާލުން ފާހަގަކުރަމުން ދިޔަ ރޭ ބޭއްވުނު ލީޑާޝިޕް ކޮންޓެސްޓުން ލިބުނު ނާކާމިޔާބާއެކު ބޮޑުވަޒީރުގެ މަގާމުން ތެޗާ ވަކިވި އެވެ.

ސިޔާސީ ހަޔާތް ނިންމަވާލެއްވުމާއެކު، އިނގިރޭސިވިލާތުގެ އެންމެ ޝަރަފުވެރި އެއް ލަގަބު ކަމަށްވާ އޯޑާ އޮފް ގާޓާއާ އެކު ހައުސް އޮފް ލޯޑްސްގައި ބެރޮނެސްއެއްގެ މަގާމު މާގަރެޓް ތެޗާއަށް އިނގިރޭސި ރާނީ އެރުއްވި އެވެ.

އުމުރުން 87 އަހަރުފުޅުގައި މާގަރެޓް ތެޗާ އަވަހާރަވެފައިވާއިރު، އެކަމަނާއަކީ އިނގިރޭސިންގެ "އަޔަން ލޭޑީ" ނުވަތަ ދަގަނޑު ކަމަނާ އެވެ. މިނަމުން ސިފަކޮށްދެނީ އެކަމަނާގެ ވަރުގަދަ ޝަހުސިއްޔަތާ ނުގުނޑާ ފަދަ ކެރުންތެރިކަމެވެ. އިނގިރޭސީންގެ މެދުގައި އެކަމަނާގެ މަގުބޫލުކަން ބައިބައިވެފައިވާ ނަމަވެސް، އެކަމަނާއަކީ 20 ވަނަ ގަރުނުގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރުކަން ކުރެއްވި އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ.