ސިވިލް ކޯޓުގައި ދުވަހެއް ދުވަހަކަށް ފަނޑިޔާރުންގެ އަދަދު މަދުވެ މައްސަލައް ފުނިޖެހެމުންދާތީ އެ ކޯޓުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިވިލް ކޯޓުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ 2010 ވަނަ އަހަރު އެ ކޯޓުގައި 12 ފަނޑިޔާރުން މަސައްކަތް ކުރެއްވި ކަމަށާއި، ޖެހިގެން އައި 2011 ވަނަ އަހަރު ފަނޑިޔާރުންގެ އަދަދު އެއަށް ވުރެ މަދުވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އެ ކޯޓުގައި އަށް ފަނޑިޔާރުން މަސައްކަތް ކުރެއްވި ކަމަށާއި މި އަހަރު ފެށުނު އިރު އެ ކޯޓުގެ ފަނޑިޔާރަކު ފެމެލީ ކޯޓަށް ބަދަލުކޮށްފައިވާކަމަށް ވެސް ސިވިލް ކޯޓުން ބުންޏެވެ.

ދެހާސް ދިހަވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ފަސް ފަނޑިޔާރަކު މަދުވެފައިވާއިރު އެބޭފުޅުންގެ ބަދަލުގައި އިތުރު ފަނޑިޔާރުން އެ ކޯޓަށް ހަމަޖައްސައިފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓުގައި މައްސަލަތައް ނުނިމި ފުނި ޖެހެމުން ދާ ކަމަށް ވެސް ސިވިލް ކޯޓުން ބުންޏެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ކޯޓަށް ހުށަހެޅިފައި ވަނީ ޖުމްލަ 374 މައްސަލަކަމަށާއި ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެ، ފެބްރުއަރީ މަހުގެ ނިޔަލަށް އެކަނި ވެސް 528 މައްސަލަ އެ ކޯޓަށް ހުށަހެޅިފައި ވާ ކަމަށް ވެސް ސިވިލް ކޯޓުން ބުންޏެވެ.

"މައްސަލަތަކުގެ ޢަދަދު އިތުރުވި މިންވަރަކުން، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ޢަދަދު އިތުރުވުމުގެ ބަދަލުގައި، މިކޯޓުގައި ތިބި ފަނޑިޔާރުންގެ ޢަދަދު އަހަރަކަށްވެރެ އަހަރަކު މަދުވަމުންދާ ދިއުމަކީ، ސިވިލް ކޯޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ޚިދުމަތެއް ލިބުމަށް އެދޭ އެންމެ އަވަސް މިނެއްގައި ލިބިދިނުމަށް އޮތް ދުވެލި އެގޮތުގައި ނުފެނި ދާނެކަމެއްކަމުގައި ވަނީވެފައެވެ،" ސިވިލް ކޯޓުން ބުންޏެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ކުރިން ވިދާޅުވެފައި ވަނީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އިއުލާން ނުކުރެވިގެން އުޅެނީ އެކަމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާތީ ކަމަށެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އަދިވެސް އެ މައްސަލަ ނިންމައިފައެއް ނުވެއެވެ.

ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓަކީ އަހަރު ނިމޭއިރު އެންމެ ގިނަ މައްސަލަ ހުށަހެޅޭ ކޯޓުކަން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ އެންމެ ގިނައިން މައްސަލަތައް ނިންމާ ކޯޓަކީ ވެސް ސިވިލް ކޯޓުކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.