09 Apr 2013, 13:15
ރާއްޖެ އާއި އިސްރާއީލާ ދެމެދު ގުޅުން ބަދަހިކުރުމަށް، އިންޑިއާގައި ހުންނެވި އިސްރާއީލްގެ އެމްބެސެޑަރު 2009 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވި ކަމާއި އަދި މޮސާޑްގެ އެހީއަށް ރާއްޖެ އިން އެދުނުކަން ވިކިލީކްސް އިން އިއްޔެ ލީކްކޮށްލި ލިއުމަކުން ހާމަވެއްޖެ އެވެ.
ރާއްޖެ އަށާއި ސްރީލަންކާ އަށް އެމެރިކާ އިން ކަނޑައަޅާފައިވާ އެމްބެސެޑަރުގެ ގޮތުގައި އޭރު ހުންނެވި ޕެޓްރީޝިއާ ބޫޓެނިސް ފޮނުއްވާފައިވާ އެ ލިއުމުގައި ވަނީ ރާއްޖެއާ އެކު ޑިޕްލޮމެޓިކް ގުޅުން އިތުރަށް އުފެއްދުމަށް ޓަކައި އިންޑިއާގައި ހުންނެވި އިސްރާއީލުގެ އެމްބެސެޑަރު ރާއްޖެ ވަޑައިގެންނެވި ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު އަމީނު ފައިސަލް ވިދާޅުވި ކަމަށެވެ.
"އިސްރާއީލުގެ އެމްބެސެޑަރުގެ ދަތުރުފުޅުގައި އިސްރާއީލުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަންދޫބަކު ބައިވެރިވެވަޑައިގެންނެވި އެވެ. އިސްރާއީލުގެ މޮސާޑްގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ކަމަށާއި އިސްރާއީލާ އެކު މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއް ހޯއްދެވި ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ،" ބޫޓެނިސް ފޮނުއްވި ލިއުމުގައިވެ އެވެ.
ބޫޓެނިސްގެ ލިއުމުގައި އަދި ވިދާޅުވެފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓްގެ ޗީފް ކޯޑިނޭޓަރު އުރުދުންއަށް ކުރެއްވި ދަތުރުފުޅެއްގައި އިސްރާއީލަށް ވަޑައިގެންނެވި ކަމަށް އެ ސެންޓަރުގައި މަސައްކަތްކުރި އެމެރިކާގެ ކޮންޓްރެކްޓަރެއްގެ ފަރާތުން އެނގިވަޑައިގެންނެވި ކަމަށެވެ.
ރާއްޖެއަކީ ޑިމޮކްރެޓިކްކޮށް އިންތިހާބުވެފައިވާ ސަރުކާރެއް އޮތް މެދުމިނުގެ ސުންނީ މުސްލިމް ގައުމެއް ކަމަށާއި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތްކުރާ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖޭން ބޭނުންވާ ކަމަށް ވެސް ލިއުމުގައިވެ އެވެ. އަދި ވަނީ އޮކްޓޯބަރު އެކެއްގައި އެމްބެސެޑަރު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި އެކަމާ މަޝްވަރާކުރައްވާނެ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ޝާހިދުގެ ދަތުރުފުޅާއި އިސްރާއީލްގެ އެމްބެސެޑަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު މީޑިއާގައި ރިޕޯޓް ނުކުރާކަން ބޫޓެނިސް ފާހަގަކުރައްވާފައިވެ އެވެ.
"ސްޓޭޓް މިނިސްޓަރުގެ ދަތުރުފުޅާއި އިސްރާއީލްގެ އެމްބެސެޑަރުގެ ޒިޔާރަތް މީޑިއާގައި ރިޕޯޓްނުކުރާކަން ފާހަގަކުރަން ޖެހެ އެވެ،" ލިއުމުގައިވެ އެވެ.