ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިފައިންގެ ބަޔަކު ފުރައްސާރަކުރި ކަމަށް ވިދާޅުވެ އެމައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިބޫ ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އޭނާ ވަޑައިގެންނެވި ވަގުތު ސުޕްރީމް ކޯޓު ކައިރިން ސިފައިންގެ ވޭނެއްގައި ދިޔަ ބަޔަކު އޭނާ ދިމާލަށް ހަޅޭއްލަވައި ފުރައްސާރަކޮށް ހެދި ކަމަށެވެ. އަދި އެވާހަކަ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއަށް ދެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިފައިންގެ ވޭނެއްގައި ދިޔަ ބަޔަކު އަޅުގަނޑާ ދިމާލަށް ހަޅޭލެވި، މާބޮޑަކަށް ކީއެއްޗެއް ސާފެއް ނުވޭ، އަޅުގަނޑު ބޭނުމެއް ނުވޭ އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅައިގެން މާ ބޮޑު ކަންތައް ގަނޑަކަށް ހަދާކަށް، ނަމަވެސް އެމައްސަލަ މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅައިގެން ބަލާނަން، އެވާހަކަ އިއްޔެ އަޅުގަނޑު ވާނީ މަޖިލީހުގެ ރައީސަށް ވެސް ދަންނަވާފަ،" އިބޫ ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާޝަން ކާނަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހަށް ސިފައިންގެ ބަޔަކު ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވާ ވާހަކައަކާ ގުޅިގެން އެމައްސަލަ ސިފައިިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްއިން ސާފުކޮށްފައިވާ ކަމަށެވެ. އަދި އެފަދަ އެއްވެސް މައްސަލަ އެފަރާތަށް ހުށަހެޅިފައިނުވާ ކަމަށާއި އެފަދަ ކަމެއް ހިނގި ކަމުގެ ވެސް އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް އެފަދަ ވާހަކަތަކެއް އަޑު އިވިގެން ބެލިން، މިކޮޅަށް އެއްވެސް ދިމާލަކުން އެއްވެސް އިސާރާތެއް އައިސްފައެއް ނެތް، ނަމަވެސް މިހާތަނަށް ބެލިބެލުމުން އެފަދަ އެއްވެސް ކަމެއް ހިނގާފައި އޮތް ކަމެއް އެނގޭކަށް ނެތް، އަޅުގަނޑުމެންނަކީ ޑިސިޕްލީން މައްސަލައެއް އުޅޭނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާ ބައެއް، ސިފައިންގެ އެއްވެސް މީހަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން ގަވާއިދާ ގާނޫނާ ހިލާފަށް މިކަލަ ޑިސިޕްލިންގެ މައްސަލަތައް ކްރިއޭޓް ކުރާކަށް،" އަބްދުއްރަހީމް ވިދާޅުވެފަ އެވެ.

މި މައްސަލައިގެ އިތުރުން މަޖިލީހުގެ އެމްޑީޕީގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ސިފައިންގެ ސްޕެސަލް ޕްރޮޓެކްޝަން ގްރޫޕުން ދެމުން ގެންދިޔަ ސެކިއުރިޓީ ކަނޑައިލަފައިވާ މައްސަލައެއް ވެސް މޫސަ ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެންނަވާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ މޫސަގެ ސެކިއުރިޓީ ކަނޑާލާފައިވަނީ މޫސަ އަމިއްލަފުޅަށް އެދިވަޑައިގެން ކަމަށާއި މިހާރު ވެސް މޫސަ ބޭނުންފުޅުވާނަމަ އެ ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ ކަމަށެވެ.