09 Apr 2013, 10:21
ރާއްޖެ އިން އިސްރާއީލާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ އެމްބެސެޑަރުގެ ގޮތުގައި އޭރު ހުންނެވި ރޮބަޓް ބްލޭކް އަށް ދެންނެވި ކަން ވިކިލީކްސް އިން އާއްމުކުރި ލިއުމަކުން ހާމަވެއްޖެ އެވެ.
ވިކިލީކްސް އިން އިއްޔެ ލީކްކޮށްލި ލިއުންތަކުގެ ތެރޭގައި ހިމެނޭ އެ ލިއުމަކީ އެމެރިކާގެ އޭރުގެ އެމްބެސެޑަރު ރޮބަޓް ބްލޭކް، އިންޑިއާގެ ޗެންނާއީ އާއި ހައިދަރު އާބާދާއި ކަލްކަތާއާއި މުމްބާއީ އާއި ނިއުދިއްލީއާއި ސްރީލަންކާގެ ކޮލަމްބޯއާއި އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައި އިދާރާ އަށް ފޮނުއްވި ސިއްރު ލިއުމެކެވެ.
ލިއުމުގައި ބްލޭކް ވިދާޅުވެފައި ވަނީ ރާއްޖެ އިން އިސްރާއީލް ގަބޫލުކުރާ ކަމަށާއި އިންޑިއާއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު (އޭރުގެ) ރައީސް މުހައްމަދު ނަޝީދު ދެއްވި ތަގުރީރުގައި އިސްރާއީލާ އެކު ގުޅުން އާކުރުމަށް ވައުދުވެވަޑައިގެންފައި ވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު ވިދާޅުވި ކަމަށް ލިއުމުގައިވެ އެވެ.
އަދި ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް ޓޫރިޒަމާއި ތައުލީމާއި ސިއްހީ ދާއިރާ އިން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި ކަމަށް ވެސް ލިއުމުގައިވެ އެވެ.
"ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު (އަމީން ފައިސަލް) އޮކްޓޯބަރު މަހު އިސްރާއީލަށް ޒިޔާރަތްކުރައްވާނެ. މިނިސްޓަރު ފޯ ނެޗުރަލް ޑިޒާސްޓަރު (އަބްދުﷲ ޝާހިދު) ވެސް، އޭނާ ކުރިއަށް ގެންދިއަ. ސިއްހީ ދާއިރާއާއި ތައުލީ މީދާއިރާ އާއި ޓޫރިޒަމް ދާއިރާ އިން ދެ ގައުމުން މިހާރު ވެސް ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައި. އޭގެ ތެރޭގައި ރިއެކްޝަން ހުރީ ކިހިނެއްތޯ ދެންނެވުމުން ޝަހީދު ވިދާޅުވީ ވަރަށް ގިނައިން އެބަ އޮތް ކަމަށް." ލިއުމުގައި ބްލޭކް ވިދާޅުވެފައިވެ އެވެ.
ހައްދު ފަހަނައަޅައި ދިއުމުގެ ކަންބޮޑުވުން ވެސް އެބަ އޮތް ކަމަށާއި ސަލާމަތީ ކަންކަމުގައި އިންޑިއާއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ޝަހީދު ވިދާޅުވި ކަމަށް ވެސް ބްލޭކްގެ ލިއުމުގައިވެ އެވެ.
ޑރ. ޝަހީދުއާއި ބްލޭކްގެ މަޝްވަރާތައް ބާއްވަވާފައި ވަނީ އދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވުމަށް ޑރ. ޝަހީދު ނިއުޔޯކަށް ވަޑައިގެން އުޅުއްވި އިރު 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ބްލޭކް ވިދާޅުވެފައިވާ ގޮތުން އެ ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން އަދި އިގުތިސާދާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާފައިވެ އެވެ.