09 Apr 2013, 09:42
ސޯލް (އެޕްރީލް 9): އުތުރުކޮރެޔާ އިން ނިއުކްލިޔާ ހަތަރު ވަނަ ތަޖްރިބާއެއް ކުރަން އުޅޭ ކަމަށް ބުނެ ދެކުނު ކޮރެޔާ އިން ދެފަހަރު ދެގޮތަށް ބަޔާންތަކެއްދީފި އެވެ.
ދެކުނު ކޮރެޔާގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ އެގައުމުގެ ނޫހަކުން ބުނެފައި ވަނީ އުތުރުކޮރެޔާ ނިއުކްލިޔާ ތަޖްރިބާކުރާ ޔުންގިރީ ސަރަހައްދުގައި ނިއުކްލިޔާ ތަޖްރިބާއެއް ކުރަން ތައްޔާރުވަމުންދާ ކަމަށް ބެލެވޭ ފަދަ ޙަރަކާތްތަކެއް ހިންގަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމުގަ އެވެ. މިގޮތުން އުތުރުގެ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ޔުންގިރީގެ ބިމުއަޑި ކޮނުމުގެ ހަރަކާތްތަކެއް އެގައުމުން ހިންގަމުންދާކަމަށާއި މިއީ އެގައުމުން ނިއުކްލިޔާ ހަތަރު ވަނަ ތަޖްރިބާއެއްކުރަން ތައްޔާރުވުން ކަމަށް ބެލެވޭކަމަށް ނަން ހާމަކުރަންނޭދޭ ދެކުނުގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ އެގައުމުގެ ނޫހަކުން ބުނެފައިވެ އެވެ.
ދެކުނު މަސްއޫލުވެރިޔާގެ މިބަޔާނުގެ ސަބަބުން އުތުރުން ނިއުކްލިޔަރ ހަތަރު ވަނަ ތަޖްރިބާއެއް ކުރަން ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތައް ފެތުރިފައިވަނިކޮށް މިއާމުޅިން ޚިލާފަށް ދެކުނުގެ ދިފާޢީ ވުޒާރާ އިން އިއްޔެ ބުނެފައި ވަނީ އުތުރުން ނިއުކްލިޔާ ތަޖްރިބާކުރާ ސަރަހައްދުތަކުގައި ނިއުކްލިޔާ އިތުރު ތަޖްރިބާއަކަށް ތައްޔާރުވާކަމުގެ އެއްވެސް ޢަލާމާތެއް ފެންނަން ނެތްކަމުގަ އެވެ. ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނަކު ވިދާޅުވީ ކައިރި މުސްތަޤްބަލެއްގައި އުތުރުން ނިއުކްލިޔާ ތަޖްރިބާއެއް ކޮށްފާނެ ކަމަށް ބެލެވޭ އެއްވެސް ޙަރަކާތެއް ފެންނަންނެތް ކަމުގަ އެވެ. ދެކުނު ކޮރެޔާގެ މިވާހަކަތަކާ ގުޅިގެން އެމެރިކާ ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.
އަނެއްކޮޅުން ޗައިނާ ވަނީ އުތުރުކޮރެޔާއަށް ނުސީދާ ގޮތެއްގައި ފާޑުކިޔާފަ އެވެ. ޗައިނާގެ ޚާރިޖިއްޔާ އިން ބުނީ ކޮރެޔަން ޕެނިންސިއުލާގައި ހަނގުރާމައިގެ ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލުކުރުމަކީ ޗައިނާ ގަބޫލުކުރާނެކަމެއްނޫން ކަމުގަ އެވެ. މިއީ ޗައިނާ އިން އުތުރުކޮރެޔާއަށް ރައްދުކުރި ހިތްހަމަނުޖެހުމުގެ ބަހެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ.
އުތުރުކޮރެޔާ އިން މިފަހަކަށް އައިސްގެންދަނީ އެމެރިކާއަށާއި ދެކުނު ކޮރެޔާއަށް ހަނގުރާމައިގެ އިންޒާރުތައް ދެމުންނެވެ. މިގޮތުން ދެކުނާދެކޮޅަށް އުތުރުން ހަނގުރާމަވެސް އިޢްލާންކޮށްފައިވެ އެވެ. އުތުރުކޮރެޔާއިން ވަނީ ތިން ފަހަރެއްގެ މަތިން ނިއުކްލިޔާ ހަތިޔާރު ތަޖްރިބާކޮށްފަ އެވެ. އަދި އެގައުމުން ވަނީ ނިއުކްލިޔާ އިތުރު ހަތިޔާރު އުފައްދައި ގައުމީ ދިފާއުގައި ނިއުކްލިޔާ ހަތިޔާރަށް ބަރޯސާ ކުރާމިންވަރު ވެސް އިތުރުކުރާނެކަން ހާމަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)