09 Apr 2013, 09:31
ހިފާފައިވާ ޤުދްސު (އެޕްރީލް 9): އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމުގައި އަވަސްވެ ނުގަންނާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެއްޖެ އެވެ.
ކެރީ މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ގުދްސަށް ވަޑައިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާ ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމުގައި އަވަސްވެ ގަތުން ރަނގަނޅު ނޫން ކަމަށާއި މިވަގުތު މަސައްކަތްކުރުން އެންމެ ބުއްދިވެރީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ގެއްލިފައިވާ އިތުބާރު އަލުން ބިނާކުރުމަށް ކަމުގަ އެވެ. ސުލްޙައިގެ ކަންތައްތަކުގައި އިސްރާއީލާއި ފަލަސްތީނާ ދެމެދު އިތުބާރު ގެއްލިފައި ވަނީ 18 އަހަރުވަންދެން ފަލަސްތީނުން އިސްރާއީލާ އެކު ކުރިޔަށްގެންދިޔަ ސުލްޙައިގެ ވާހަކަތަކުން ފަލަސްތީނުގެ އެއްވެސް ޙައްޤެއް ނުލިބުމާއި ސުލްހައިގެ ކަންތައްތަކުގައި އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރަން ވެސް އިސްރާއީލުން ދެކޮޅުހެދުމުގެ ސަބަބުންނެވެ. އަދި ބައިނަލްއަޤްވާމީ ޝަރްޢިއްޔަތާއި އދ.ގެ ޤަރާރުތަކާ އެއްގޮތަށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލު ކުރިޔަށްގެންދާ ޣައިރު ޤާނޫނީ ގޮތުން ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫޢު ހުއްޓާލުމަށް ވެސް އިސްރާއީލުން ދެކޮޅު ހެދުމުގެ ސަބަބުންނެވެ.
ކެރީގެ މިދަތުރުފުޅަކީ ދެހަފްތާތެރޭގައި އޭނާ މެދުއިރުމައްޗަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. މިދަތުރުފުޅު ކެރީ ފެއްޓެވީ ތުރުކީންނެވެ. ތުރުކީގައި ކެރީ ކުރެއްވި މަސައްކަތްޕުޅަކީ ތުރުކީން އިސްރާއީލާ އެކު ކަނޑާލާފައިވާ ގުޅުންތައް އަލުން އިޢާދަކޮށް ޤާއިމްކުރުމަށް ތުރުކީގެ މަސްއޫލުވެރިންނަށް ފިއްތުންތައް ބާރުއެޅުއްވުމެވެ. ކެރީ އިއްޔެވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ވަޑައިގެން ރާމަﷲގައި ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސް އާ ބައްދަލު ކުރައްވާފަ އެވެ.
އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމުގައި އަވަސްވެ ނުގަންނާނެ ކަމަށް ކެރީ ވިދާޅުވީ އެމެރިކާ އަށް މިކަން ނުކުރެވޭނެތީ ކަމަށް މުރާސިލުން ބުނެ އެވެ. ފަލަސްތީނުންވަނީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލު ކުރިޔަށްގެންދާ ޣައިރު ޤާނޫނީ ގޮތުން ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫޢު ހުއްޓާލުމުންނޫނީ އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް އަލުން ނުފެށުމަށް ނިންމާފަ އެވެ. އަދި ފަލަސްތީނުގެ މިނިންމުން ބަދަލުކޮށް ސުލްޙައިގެ ވާހަކަތައް އަލުންފެށުމަށް އެމެރިކާގެ ރައިސް ބަރަކް އޮބާމާ ފާއިތުވި ތިން އަހަރު ތެރޭގައި ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
އެމެރިކާއަކީ އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރެވޭ ފަދަ ގައުމަކަށް ނުވުމުގެ އިތުރުން ފަލަސްތީނަށް ފިއްތުންތައް ކުރިމަތިކުރުމުގައި ވެސް އެމެރިކާ އަށް ކާމިޔާބު ލިބިފައެއްނުވެ އެވެ. (ނޫސްއެޖެންސީތައް)