09 Apr 2013, 09:25
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތުމަށް ފަހު އެޖެންޑާ އިން ނަގައިފި އެވެ.
ގާސިމުގެ މައްސަލަ އެޖެންޑާ އިން ނެގި މައްސަލަ ބައެއް މެންބަރުން ވަނީ ތަޅުމުގައި މިއަދު ޖައްސައިފަ އެވެ. ނަމަވެސް ރިޔާސަތުން އަބްދުﷲ ޝާހިދު ވިދާޅުވީ އެ މައްސަލަ އެޖެންޑާ އިން ނެންގެވީ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަމަށެވެ.
ގާސިމުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް އެމްޑީީޕީން ހުށަހެޅީ، ގާސިމަކީ ޖުމްހޫރީ ޕާޓީގެ ރައިޔާސީ ކެންޑިޑޭޓަށްވާ އިރު އެމަނިކުފާނު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ބުނެ އެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ، ގާސިމު އިބްރާހީމްގެ މައްސަލަ މިއަދުގެ އެޖެންޑާ އިން ނެގީ، އިތުބާރު ނެތްކަމުގެ ވޯޓުތައް ނަގަން ޖެހޭނީ ސިއްރުން ކަމަށް ބުނެ، އިއްޔެގެ ޖަލްސާގައި ބައެއް މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވާފައިވަނިކޮށެވެ.
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ އިތުބާރުގެ ނެތްކަމަށް އެމްޑީޕީން ހުށަހަޅި މައްސަލަ ވެސް ވަނީ، އެ ވޯޓު ނަގާނީ ސިއްރުންތޯ ނުވަތަ ހާމަކޮށްތޯ ކަނޑަނޭޅުމުން، ފަސްކޮށްފަ އެވެ.
އެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ ކޮމެޓީއަކަށް ފޮނުވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި އަދި މިނިސްޓަރުންގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލަތަކުގައި ވޯޓު ނަގަން ޖެހޭނީ ސިއްރުން ކަމަށް، މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ވަނީ ބާތިލޮށްފަ އެވެ.