އަޅުގަނޑުމެންނަށް މަގު ދައްކައިދެއްވަން ހުންނެވި ރައީސް މައުމޫން އަކީ އެމަނިކުފާނާ، ޚިދުމަތުގެ ގޮތުން ކައިރިއަށް ވެސް އާދެވޭ ވަރުގެ ދެވަނަ ދިވެހި ދަރިޔަކު މި ފަހުގެ ތާރީޚު އުފައްދާފައިނެތް ވަރުގެ ވަރުގަދަ ޝަޚުޝިއްޔަތެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ޔާމީންގެ އަތްޕުޅަށް އެރުވުމަށް ރޭ ކާނިވާ ސްޓޭޖްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ ޕީޕީއެމް އަށް ހުރިހާ ކަމެއްގައިވެސް އެންމެ އިސްކޮށް މަގު ދައްކަވައިދެއްވަން ހުންނެވި ޤާއިދަކީ ވަރަށް ތަޖުރިބާކާރު ސިޔާސީ ލީޑަރެށް ކަމަށާއި، އަދި އެ ޕާޓީގެ އެހެނިހެން މަގާމު ތަކުގައިވެސް ރައީސް މައުމޫންގެ ރަން ތިރީސް އަހަރުން ތަރުބިއްޔަތާއި، ތަޖުރިބާ ހާސިލް ކުރައްވައިގެން ތިއްބެވި ގާބިލް ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީ އަށް ހުރިހާ ކަމެއްގައި އެންމެ އިސްކޮށް މަގު ދައްކައި ދެއްވުމަށް ވަރަށް ތަޖުރިބާކާރު ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއް އަޅުގަނޑުމެންގެ ޤާއިދެއްގެ ގޮތުގައި އެ ހުންނެވީ. ޚިދުމަތުގެ ގޮތުން ބަލާނަމަ އެމަނިކުފާނު އާ ކައިރިއަށް ވެސް އާދެވޭ ފަދަ ދެވަނަ ދިވެހި ދަރިޔަކު ފަހުގެ ތާރިޚް އުފައްދާފައި ނެތް ފަދަ ވަރުގަދަ ޝަހުސިއްޔަތެށް ރައީސް މައުމޫން އަކީ،" ޔާމިން ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ޔާމީން ޕީޕީއެމް ސިފަ ކުރެއްވީ ރައީސް މައުމޫންގެ ފަހަތް ޕުޅުގައި ރުކުރުވާލާފައި އޮތް ވަރުގަދަ އަދި ބަދަހި ލަޝްކަރެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް ދެމި އޮންނާނީ މައުމޫންގެ ޕާޓީ އެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އޭނާ އަށް ގައުމުގެ ރައީސް ކަން ލިބުނަސް ނުވަތަ ނުލިބުނަސް އެމަނިކުފާނު އާއި އެކު މަސައްކަތް ކުރައްވާ ޓީމް އަބަދުވެސް އޮންނާނީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި ރުކުރުވާލާފައި އޮތް ވަރުގަދަ ލަޝްކަރެއްގެ ގޮތުގައި ކަމަށާއި، އަދި އެ ގޮތުގައި ދެމި އޮތުމަށްޓަކައި ކުރާން ޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ މި ޕާޓީ އަކީ މަނިކުފާނުގެ އަރިހުގައި ރުކުރުވާ ލެވިފައި އޮތް ވަރުގަދަ ބަދަހި ލަޝްކަރެކޭ،" ޔާމިން ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދާއި ގުޅޭ ގޮތުން ޔާމީން ރޭ ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައި މިވާ ދަރަނިން ރައްޔިތުން ސަލާމަތް ކުރުމަކީ އެ މަނިކުފާނާއި ޕާޓީން ހަވާލު ކޮށްފައިވާ ވަރަށް ބޮޑު ޒިންމާ އެއް ކަމަށެވެ. އެހެން ކަމުން އެ ދަރަނިން ގައުމު ސަލާމަތް ކުރުމަށްޓަކައި ހަލާކު ވެފައި މިވާ އިގްތިސޯދު ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ތެދުވެރި ކަމާއި އަދި ސާބިތު ކަމާއި އެކު އެ މަނިކުފާނު ކުރައްވާނެ ކަމަށެވެ.

ރޭގެ ރަސްމިއްޔާތަށް ޕީޕީއެމްގެ މެމްބަރުންނާއި، އަދި އެ ޕާޓީ އަށް ތާއީދު ކުރާ ވަރަށް ގިނަ ބަޔަކު ހާޒިރުވި އެވެ. އެ ރަސްމިއްޔާތުގައި ޒުވާނުންގެ ފަރާތުން މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތައް ވެސް ކުރިއަށް ދިޔަ އެވެ.