09 Apr 2013, 08:35
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއް ސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަކީ އިންޑިއާ ސަރުކާރުގެ އަމާޒެއް ކަމަށާއި އެކަން ހާސިލް ކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު ޝްރީ ރަޖީވް ޝަހާރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ފަސްޓް ޓްރެއިނިންގް ސްކޮޑްރޮންގެ ދެ މަނަވަރު ކަމަށްވާ އިންޑިއަން ނެވަލް ޝިޕް "ސުޖާތާ" އާއި އިންޑިއަން ކޯސްޓް ގާޑު ޝިޕް "ވަރޫނާ" ރާއްޖެއަށް ކުރަމުންދާ ދަތުރުގައި، އެދެމަނަވަރުގައި ރޭ ބޭއްވި ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ޝަހާރޭ ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ ގިނަ ގޮތް ގޮތުން އެއްގޮތް ކަންތަކެއް ހިއްސާ ކުރާ ދެ ގައުމު ކަަމަށެވެ.
ރާއްޖެ ވަޑައިގެން، ރަސްމީކޮށް މަގާމާ ހަވާލުވުމަށްފަހު، އާއްމުކޮށް ދެއްވި ފުރަތަމަ ތަގުރީރުގައި ޝަހާރޭ ވިދާޅުވީ ސަގާފީ ގޮތުންނާއި ބަހުގެ ގޮތުން އަދި އާދަކާދައާއި ތާރީހުގެ ތެރެއިންވެސް ރާއްޖެ އަކީ އިންޑިއާއާ އެއްގޮތް ކަންތައްތަކެއް ހުރި ގައުމެއް ކަމަށެވެ.
"ރާއްޖެއާއެކު އޮންނަ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމަކީ އަބަދުވެސް އިންޑިއާ ސަރުކާރުގެ އަމާޒެއް. އަޅުގަނޑުގެ ސަފީރުކަމުގައި ވެސް އެގުޅުންތައް އިތުރަށް ބަދަހިކޮށް، ވަރުގަދަ ކުރުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރާނަން" ޝަހާރޭ ވިދާޅުވި އެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ކުރިން ހުންނެވީ ޑީއެމް މުލޭ އެވެ. މުލޭގެ ހައި ކޮމިޝަނަރުކަމުގެ ދައުރު ހަމަވުމުން، އެމަގާމަށް ޝަހާރޭ އައްޔަނުކޮށްފައިވާކަން އިންޑިއާއިން އިއުލާންކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
މީގެ ކުރިން ޝަހާރޭ ހުންނެވީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ.
ރޭ މަނަވަރުގައި ބޭއްވި ފަރިއްކޮޅުގައި ރާއްޖޭގެ ދިފާއީ ވަޒީރު ކާނަލް ރިޓަޔާޑް ނާޒިމާއި ކެބިނެޓްގެ އެހެނިހެން ބޭފުޅުންގެ އިތުރު ދިވެހި ސިފައިންގެ އޮފިސަރުންނާއި ޑިޕްލޮމެޓުން ބައިވެރިވެލައްވާފައިވެ އެވެ.
ރޭގެ ފަރިއްކޮޅުގެ ތެރެއިން އިންޑިއާގެ ސަރުކާރުން ދިވެހި ސިފައިންނަށް ހަދިޔާކުރާ ޖިމް އިކުއިޕްމަންޓާއި އިންޑިއާއިން މީގެ ކުރިން އެމްއެންޑީއެފަށް ހަދިޔާކުރި ހެލިކޮޕްޓަރު "ރެހެންދި" އަށް ބޭނުންވާ ސްޕެއާޕާޓްސްތަކެއް ވެސް އިންޑިއާއިން ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ.