09 Apr 2013, 00:30
މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ތަމްސީލު ކުރައްވާ ކެނޑިޑޭޓު ކަމަށްވާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމާ އެ ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލު ކޮށްފި އެވެ.
ކާނިވާ ސްޓޭޖްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ޔާމީނާ ހަވާލު ކޮށްދެއްވީ އެ ޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އެވެ.
ރިޔާސީ ޓިކެޓް ޔާމިނާ ހަވާލުކޮށް ދެއްވުމަށްފަހު މައުމޫން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިރޭ ޕާޓީން އެ ހުޅުވާލީ ޑިމޮކްރެސީގެ މުޅީން އާ ސަފްހާއެއް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ އެއްވެސް ސިޔާސީ ޕާޓީ އަކުން މިހާތަނަށް އެފަދަ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައި، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލު ކޮށްފައި ނުވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓާ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށްފަހު ދެން ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ދެބަސް ވުމެއް އޮވެގެން ނުވާނެ ކަމަށާއި އަދި ނުވެސް އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ފަހުން ވަކި މީހަކަށް ތާއީދު ކުރާ ވަކި ޖަމާއަތެއް ޕާޓީގެ ތެރޭގައި ނުބާއްވައި އެންމެންވެސް މަސައްކަތް ކުރަން ޖެހޭނީ އެކަތި ގަނޑެއްގެ ގޮތުގައި ކަމަށެވެ.
"މީގެ ފަހުން އަޅުގަނޑުމެންގެ ޕާޓީގައި ވަކި ބޭފުޅަކަށް ތާއީދު ކުރާ ވަކި ޖަމާއަތެއް އޮވެގެން ނުވާނެ. ޕާޓީގެ އެންމެ ތިބެން ޖެހޭނީ އެއް ސަފެއްގައި އެކަތި ގަނޑަކަށް ވެގެން. މި ޕާޓީ އަކު މައުމޫނަށް ތާއީދު ކުރާ ބައެއް ޔާމީނަށް ތާއީދު ކުރާ ބައެއް އަދި އެހެން ބޭފުޅަކަށް ތާއީދު ކުރާ ބައެއް، އެހެން ތިބެގެނެއް ނުވާނެ. އެންމެން ވާން ޖެހޭނީ ޕީޕީއެމްގެ މެމްބަރުން ކަމުގައި. އެންމެންގެ އިޚްލާސްތެރިކަން އޮންނަން ޖެހޭނީ މި ޕާޓީއަށް،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން މިރޭ ވެސް ވަނީ އެހެން ޕާޓީ ތަކުން އެ ޕާޓީ އާއި ގުޅުމަށް ދެއްވަމުން ގެންދަވާ ދައުވަތު ތަކުރާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ޕީޕީއެމުން މިހާރުވެސް އޮތީ ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ކަންކަން ކުރާން ތައްޔާރަށް ކަމަށެވެ. އަދި ވިދާޅުވީ އެ ފަދަ ވިސްނުމެއްގައި ޕީޕީއެމްއާ ގުޅެން ބޭނުންވާ ކޮންމެ ޕާޓީ އަކަށް މަރުހަބާ ކިޔާ ކަމަށެވެ.