ޗެޗްނިޔާގެ ޤާނޫނު ހަދާ މަޖިލީހަށް ހަނގުރާމަވެރިންތަކެއް މިއަދު ހެނދުނު ބަޑިން ހަމަލާދީ ތިން މީހަކު މަރާލައިފި އެވެ.


މީޑިއާގެ ރިޕޯޓުތައް ބުނަނީ، ޗެޗްނިޔާ ގަޑިން މިއަދު ހެނދުނު 8.45 އެހާކަންހާއިރު ޕާލިމެންޓަށް ހަތަރު ވަރަކަށް ހަނގުރާމަވެރިން ވަދެ ދިން ހަމަލާގައި މަޖިލީހުގެ ތިން ބޮޑީގާޑަކު މަރާލައިފައިވާ ކަމަށެވެ. އަދި އިތުރު 13 މީހަކު ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އޭގެ ތެރޭގައި މަޖިލީހުގެ އެއްވެސް މެމްބަރަކު ނުހިމެނޭ ކަމަށް ޗެޗްނިޔާގެ ރައީސް ރަމްޒާން ކަދީރޯވް ވަނީ އިންޓަފެކްސް އަށް ކަށްވަރުކޮށްދެއްވައިފަ އެވެ.


ކަދީރޯވް ވިދާޅުވީ، ހަނގުރާމަވެރިންނާއި ސިފައިންނާ ދެމެދު ހިނގި 20 މިނެޓުގެ ކުރިމަތިލުންތަކަކަށް ފަހު ހުރިހާ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. އަދި މަޖިލިސް ކުރާ ގޭގައި އޭރު ތިއްބެވި މެމްބަރުންނާއި މުވައްޒަފުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް ވެސް ހިމެނިވަޑައިގެންނެވި އެވެ.


ޗެޗްނިޔާގެ ވެރިރަށް ގޮޒްނީގައި ހުރި ޕާލިމެންޓަށް ހަމަލާދިނީ މަޖިލީހުގެ މެމްބަރެއްގެ ކާރުގެ ފަހަތުން އެ ސަރަހައްދަށް ގޮސް ދެ ބޮމެއް ގޮއްވާލުމަށް ފަހު އެ ދަނޑިވަޅުގައި މަޖިލިސް ގޭޓް ފަޅާލައި އިމާރާތުގެ ތެރެއަށް ވަދެގެނެގެން ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު އަނެއްބައި މީޑިއާތަކުން ބުނަނީ، ބޮމެއް ގޮއްވާލާފައި ނުވާ ކަމަށެވެ. މީގެ އިތުރުން، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ތިން ބޮޑީގާޑުންގެ އިތުރަށް އާއްމުންގެ މީހެއް ހިމެނޭ ކަމަށް ވެސް ބެލެވެ އެވެ.


ޗެޗްނިޔާގެ ޕާލިމެންޓް ހުންނަ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ސިފައިން ގެންދަނީ މިހާރު ފޯރުމަރަމުންނެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.