19:00


ބޮޑު ދެ ޕާޓީގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށް، ސިފައިންގެ އެންމެ އިސް ދެ މަގާމަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި، މަޖިލީހުގެ ރުހުން ހޯދުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކުރައްވައިފި އެވެ.


ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މީހަކު އައްޔަންކޮށް ވަކި ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ސިފައިންގެ ގާނޫނަށް އިސްލާހް ގެނައުމަށް، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މި ބިލު އަލުން ހުށަހަޅަންޖެހޭ ކަމަށް ނިންމަވައި ބިލް ބޭރުކުރައްވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އެކަން ނިންމެވީ މަޖިލީހުގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ ޑީއާރުޕީ އާއި އެމްޑީޕީއާ މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ. އަދި މި ކަމުގައި ރިޔާސަތުން ނިންމާ ނިންމުމަކާ މެދު އިއުތިރާޒް ނުކުރާނެ ކަމަށް އެ ދެ ޕާޓީން ބުނެފައިވާ ކަމަށާއި، ރިޔާސަތުން ނިންމާފައި ވަނީ މި ބިލްގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި ބިލް އަލުން މަޖިލީހަށް ހުށަހެޅުއްވުމުން ބިލްގެ ބަހުސް ކުރިއަށް ގެންގޮސް ބިލްގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.


މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރުމަށް ވޯޓަށް އައްސަވަންޖެހިފައި ވަނިކޮށް ރިޔާސަތުން ނިންމެވި މި ނިންމެވުމާ ގުޅިގެން އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ނުރުހުން ފާޅުކުރައްވައި ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވުމުން ޖަލްސާ ހޫނުވެގެންދިޔަ އެވެ. އެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، މެންބަރަކު ހުށަހަޅުއްވާފައިވާ ބިލެއް ވޯޓަށް އެހުމުގެ މަރުހަލާ ކައިރިވެފައި ވަނިކޮށް ރިޔާސަތަށް ގެންދެވިގެން ނުވާނެ ކަމަށެވެ. އަދި ބިލެއް އަނބުރާ ގެންދެވޭނީ އެ ބިލެއް ހުށަހަޅާ ފަރާތަކަށް ކަމަށާއި، މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަނީ ގަވާއިދާ ހިލާފަށް ކަމަށް ވެސް އެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. އަދި އެކަމުގައި މަޝްވަރާ ކުރެއްވި ކަމަށް ރިޔާސަތުން ވިދާޅުވި، އަދި މަޖިލީހުގެ ރައީސް ވެސް ނިސްބަތްވެވަޑައިގަންނަވާ ޑީއާރުޕީގެ ގިނަ މެންބަރުންތަކެއް މި މައްސަލައިގައި މަޖިލީހުގެ ރައީސް ކުށްވެރިކުރައްވަމުން ގެންދެވި އެވެ. އަދި މި ކަމާ ބެހޭ މަޝްވަރާތަކުގައި ރިޔާސަތުން އެ ބިލު ގެންދިއުމަށް ޑީއާރުޕީން މަޝްވަރާ ދީފައި ނުވާނެ ކަމަށް ވެސް އެ މެންބަރުން ތަކުރާރު ކުރައްވަމުން ގެންދެވި އެވެ.


މި ބިލު ހުށަހެޅުއްވި މެންބަރު މުހައްމަދު ނަޝީދު ވެސް ވިދާޅުވީ، ބިލު އަނބުރާ ގެންދަވާފައިނުވާނެ ކަމަށެވެ. އަދި ބިލު އަނބުރާ ގެންދިއުމަށް ރިޔާސަތަށް ދަންނަވާފައިނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.


މި މައްސަލައިގައި ރިޔާސަތުން ނިންމަވާފައިވާ ނިންމެވުމަށް ތާއީދު ކުރައްވަމުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، އެ ނިންމެވުމަކީ މަޖިލީހުގެ ރައީސްގެ ދުރު ވިސްނުންފުޅާއެކު ނިންމަވާފައިވާ ރަނގަޅު ނިންމެވުމެއް ކަމަށެވެ. އަދި އެ ނިންމެވުމަށް އެމްޑީޕީން މަރުހަބާ ވިދާޅުވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


މެންބަރުން ނަންގަވަމުން ގެންދެވި ނިޒާމީ ނުކުތާތަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އެ ނިންމުމަކީ ދެ ޕާޓީއާ މަޝްވަރާ ކުރެއްވުމަށްފަހު ރިޔާސަތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ޖަލްސާގައި ކުރިއަށް ހުރި މައްސަލަތަކައިގެން ކުރިއަށް ދިއުމަށް ރިޔާސަތަށް އެއްބާރުލުން ދެއްވުމަށް ވެސް ރިޔާސަތުން މަޖިލީހުގެ މެންބަރުންނަށް ދަންނަވަމުން ގެންދެވި އެވެ. ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ނިމިގެން ދިޔައީ ސާޅީސް ފަސްވަރަކަށް މިނިޓްގެ ނިޒާމީ ނުކުތާތަކަކުންނެވެ.


މިދިޔަ ހަފްތާގެ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދިޔަ މި ބިލުގެ ބަހުސް ނިމި، އިސްލާހަށް ވޯޓަށް އެހުން ކުރިއަށް ގެންދިޔައިރު، މަޖިލީހުގެ ރިޔާސަތަށް އެރި އޮޅުމެއްގައި ފުރަތަމަ ފާސްކުރި އިސްލާހަކާ ތައާރަޒުވާ އިސްލާހަކަށް ވޯޓަށް އަހައި އެ ދެ އިސްލާހް ފާސްވުމާ ގުޅިގެން މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިގެން ގޮސްފަ އެވެ. އަދި މި ބިލަށް ގެނައި އިސްލާހްތަކާ ގުޅިގެން، އެ އިސްލާހްތަކަކީ އަސްކަރީ އިންގިލާބަކަށް މަގުފަހިވާ އިސްލާހްތަކެއް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.