08 Apr 2013, 22:58
ކޮލަންބޯ (އެޕްރީލް 8): ސްރީލަންކާގެ ސަރަޙައްދުގައި ގަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ގެންދިޔަކަމުގެ ތުހުމަތުގައި ސްރީލަންކާއިން ހައްޔަރުކޮށްފައިވާ އިންޑިޔާގެ 26 މަސްވެރިއަކުމިނިވަން ކުރުމަށް މަސައްކަތްކުރާނެ ކަމަށް އިންޑިޔާ ބުނެފި އެވެ.
މި 26 މަސްވެރިން މިނިވަން ކުރުމަށް އިންޑިޔާ ސަރުކާރުން އެކަށީގެންވާ މަސައްކަތްނުކުރާ ކަމަށްބުނެ އިންޑިޔާ ސަރުކާރަށް އެގައުމުގެ އެތެރޭން ކުރިމަތިވަމުންދާ ފިއްތުންތަކާގުޅިގެން ބޮޑުވަޒީރު މަންހޯހަން ސިންގްގެ އޮފީހުން ބުނީ އެމީހުން މިނިވަންކުރުމަށް ސަރުކާރަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގަ އެވެ. އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ އޮފީހުން ވާހަކަ ދެއްކެވި ނާރަޔަނަން ސްވާމީ ވިދާޅުވީ، އިންޑިޔާގެ މަސްވެރިން ސްރީލަންކާގެ އަތްދަށުން މިނިވަންކުރުމަށް އިންޑިޔާ ސަރުކާރުން ކޮންމެ ފިޔަވަޅެއް އަޅަން ތައްޔާރަށްއޮތް ކަމުގަ އެވެ. އަދި ސްރީލަންކާ ކޯސްޓްގާޑުން އިންޑިޔާ މަސްވެރިން ހިފައި ހައްޔަރުކޮށް އިންޑިޔާގެ މަސްބޯޓުތައް ކޮންފިސްކޭޓް ކުރުން އާންމު ވަމުންދާކަމަށާއި ސްރީލަންކާގެ މިޢަމަލުތައް ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިމައްސަލާގައި ސްރީލަންކާއާ ދެކޮޅަށް އިންޑިޔާ އިން އަޅާނެ ފިޔަވަޅުތަކެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ. ސްރީލަންކާގެ ކަނޑުގެ ސިފައިން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި އިންޑިޔާގެ މަސްވެރިންނާބެހޭ ގޮތުން ސްރީލަންކާ ސަރުކާރުން ބުނެފައި ވަނީ އިންޑިޔާގެ މަސްވެރިން ހައްޔަރުކުރީ އެމީހުން ސްރީލަންކާގެ ކަނޑުގެ އިޤްތިޞާދީ ޞަރަޙައްދުގައި ހުއްދަނެތި މަސްވެރިކަން ކުރަމުން ދަނިކޮށް ކަމުގަ އެވެ. އެހެންކަމުން އިންޑިޔާ އިން ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރި ނަމަވެސް އެމީހުން މިނިވަންނުކުރެވޭނެ ކަމަށާ އެމީހުންނާ މެދު ގޮތެއްނިންމާނީ ސްރީލަންކާގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކޯޓުން މައްސަލަ ބެލުމަށް ފަހު ކޯޓުން ނިންމާގޮތެއްގެ މަތިންކަމަށް ވެސް ސްރީލަންކާ ސަރުކާރުން ބުނެފައިވެ އެވެ.
ސްރީލަންކާއާއި އިންޑިޔާގެ ގުޅުންތައް މިހާރުވަނީ މިފަހަކަށްއައިސް ގޯސްނުވާ މިންވަރަށް ގޯސްވެފަ އެވެ. މިގުޅުންތައް ގޯސްވީސްރީލަންކާގެ ތަމަޅަ ދަރިކޮޅުގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކަށް ސްރީލަންކާ ސަރުކާރުން އަރައިގަންނަމުންދާ ކަމަށް އިންޑިޔާގެ ސިޔާސީ ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ގެންދިޔުމާ ގުޅިގެންނެވެ. ދާދިފަހުން އިންޑިޔާގެ ވެރިރަށް ދިއްލީގައި ދާދިފަހުންވަނީ ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ދެކޮޅަށް މުޒާހަރާވެސް ކޮށްފައެވެ. މިމައްސަލައިގެ އިތުރުން ސްރީލަންކާގެ އަހްލީ ހަނގުރާމައިގެ ދުވަސްވަރު އިންޑިޔާގެ ޢަމަލުތައް ހުރިގޮތުން އެދުވަސްވަރުވެސް ދެގައުމުގެ އިތުބާރު ކޮންމެވެސް ވަރަކަށް ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއާއެކު ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކްސަގެ ސަރުކާރު ވަނީ އިންޑިޔާއާ ތަންކޮޅެއް ދުރަށްޖެހިލުމަށް ފަހު އިންޑިޔާއާ ވާދަވެރި ޗައިނާއާ ގުޅުންތައް ބަދަހިކުރަންފަށާފައެވެ. އެހެންކަމުން ސްރީލަންކާގެ މަސްރަހުގައި އިންޑިޔާ މިހާރު ވަނީ އެކަހެރިވެފަ އެވެ. މީގެއިތުރުން ދާދިފަހުން އދ. ހިޔުމަން ރައިޓްސް ކައުންސިލުން އިންސާނީ ހައްޤުތަކުގެ މައްސަލާގައި ސްރީލަންކާއާ ދެކޮޅަށް ފާސްކުރި ޤަރާރަށް އިންޑިޔާ ތާއީދުކުރުމުގެ ސަބަބުން ދެގައުމުގެ ގުޅުންތައް އިތުރަށް ގޯސްވެ އިންޑިޔާގެ ތަކެތި ބޮއިކަޓްކުރަން ވެސް ސްރީލަންކާގެ ބައެއް ފަރާތްތަކުން ގޮވާލާފައިވެ އެވެ. (ނޫސްއެޖެންސީތައް)