ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު އާންމުކުރުމާއި ނޫސް ކޮންފަރެންސް ތަކުން ރާއްޖެ ޓީވީ އެކަހެރި ކުރާ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ ފޮނުވަން މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

މީޑިއާ ކައުންސިލުން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ޖަލްސާގައި އެ ކައުންސިލްގެ 11 ބޭފުޅުންގެ ތާއީދާއެކު އެކު އެވެ.

މީޑިއާ ކައުންސިލުން ބުނީ ރައީސް އޮފީހުން ނޫސް ކޮންފަރެންސް ތަކަށް ދައުވަތު ދިނުމުގައި ރާއްޖެ ޓީވީ އެކަހެރިކޮށް އެ ސްޓޭޝަނަށް އެއްބާރުލުން ނުދޭ މައްސަލައިގައި އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް އެ އޮފީހަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ އެންގުމަށް ރައީސް އޮފީހުން ކިޔަމަން ވެފައިނުވާތީ މީޑިއާ ކައުންސިލްގެ ގާނޫނުގެ 28 ވަނަ މާއްދާގައި ބުނެފައިވާ އުސޫލުން ފިޔަވަޅު އަޅަން ނިންމީ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގެ 28 ވަނަ މާއްދާގައި ބުނަނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލުން އަންގާ އެނގުމަކަށް ތަބާނުވެޖެއް ނަމަ ނުވަތަ ކައުންސިލްގެ ގަދަރަށް އުނިކަމެއް ލިބޭ ގޮތަކަށް އަމަލުކޮށްފިނަމަ އެފަރާތަކާމެދު އަމަލު ކުރަންޖެހޭ ގާނޫނީ ނުވަތަ ޝަރުއީ ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު ކައުންސިލަށް ލިބިގެންވާ ކަމަށެވެ.

ގާނޫނީ ވަކީލެއްގެ ލަފަޔާއެކު އެ މައްސަލައިގެ ރިޕޯޓު ތައްޔާރު ކުރުމަށްފަހު މިމަހުގެ 10 ވަނަ ދުވަހު ޕީޖީއަށް ފޮނުވުމަށް ނިންމާފައިވާކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

ރައީސް އޮފީހުން ރާއްޖެޓީވީއަށް އެއްބާރުލުން ނުދޭ މައްސަލަ ޕީޖީއަށް ފޮނުވަން މީޑިއާ ކައުންސިލުން ނިންމިއިރު، އެކަމާ ގުޅިގެން ރާއްޖެ ޓީވީން ވަނީ ރައީސް އޮފީހުގެ މައްޗަށް ދައުވާ ވެސް ކޮށްފަ އެވެ.

ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން މީގެކުރިން ފުލުހުން ވެސް ނިންމިއެވެ. އެ މައްސަލައިގައި ރާއްޖެ ޓީވީން ފުލުހުންގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ވަނީ އެއީ ގާނޫނުއަސާސީ އާއި ފުލުހުންގެ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފަ އެވެ.