ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް ހުޅުވާލި ފުރުސަތު ހަމަވާން ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު، ރިޕޯޓު ހުށަހަޅަން ޖެހޭ ތިން ހާހަށް ވުރެ ގިނަ ކުންފުނިތަކުގެ ތެރެއިން އަދި ރިޕޯޓު ހުށަހެޅީ އެންމެ 745 ކުންފުނިން ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.


އެމިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް ސުލްތާނާ މޫސާ ވިދާޅުވީ، ރަޖިސްޓްރީކުރުމަށް ފަހު ނުހިނގާ ކުންފުނިތަކާއި އަދި މިދިޔަ އަހަރުގެ ޖުލައި، 31ގެ ފަހުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް ނުލައި ބެލި ނަމަވެސް، 3000 އަށް ވުރެ ގިނަ ކުންފުނިން އަހަރީ ރިޕޯޓު ހުށަހަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އިއްޔެ އާ ހަމައަށް ރިޕޯޓު ހުށަހެޅީ އެންމެ 745 ކުންފުނިން ކަން ސުލްތާނާ ފާހަގަކުރެއްވި އެވެ.


"ވަރަށް މަދުން ހުށަހަޅާފައި މިވަނީ. އަދި އެއް ހާސް ފޯމު ވެސް ހަމަނުވޭ. އެންމެ 745 ކުންފުނިން އަދި ރިޕޯޓު ހުށަހެޅީ،" ސުލްތާނާ ވިދާޅުވި އެވެ.


މިދިޔަ އަހަރުގެ ޖުލައި، 31 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ކުންފުނިތަކުން 2009 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މި މަސް ނިމުމުގެ ކުރިން ހުށަހަޅަން ޖެހޭ ގޮތަށް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް، އެ މިނިސްޓްރީން ބުނީ އަހަރީ ރިޕޯޓު ހުށަހެޅުމަށް ކުންފުނިތަކުގެ ތަރުހީބު ނުލިބޭ ކަމަށާއި މި ފަހަރު ވެސް ރިޕޯޓު ހުށަހަޅަމުން ދަނީ ވަރަށް މަދު ފަރާތަކުން ކަމަށެވެ.


"އަބަދު ވެސް ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުންފުނިތަކުން ރިޕޯޓު ހުށަހަޅަނީ. އެކަމަކު މިފަހަރު ރިޕޯޓު ލިބޭ ގޮތް ވަރަށް މަދު. އަޅުގަނޑުމެން މުއްދަތު ހަމަވުމުގެ ފަހުން އަހަރީ ހިސާބުތަކާއި ރިޕޯޓުތައް ބަލައިގަންނަނީ ކުންފުނިތަކާ ބެހޭ ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރުމަށް ފަހު" ސުލްތާނާ ވިދާޅުވި އެވެ.


އޭނާ އިތުރަށް ވިދާޅުވީ، 2008 ވަނަ އަހަރުގެ ރިޕޯޓު ހުށަހަޅަން ޖެހޭ 5000 އެއްހާ ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އަހަރީ ރިޕޯޓު ހުށަހެޅީ 2694 ކުންފުނިން ކަމަށެވެ. އޭގެ ތެރޭގައި ޖޫރިމަނާކުރި 101 ކުންފުނި ހިމެނުނު ނަމަވެސް، އަދިވެސް ރިޕޯޓާއި ޖޫރިމަނާ ފައިސާ ހުށަނާޅާ ގިނަ ކުންފުނިތަކެއް އެބަހުރި ކަމަށެވެ.


ކުންފުނިތަކާ ބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގައި ބުނެފައި ވަނީ، އަހަރީ ރިޕޯޓު ހުށަނާޅަނީ ޕަބްލިކް ކުންފުންޏެއް ނަމަ އެ ކުންފުންޏެއްގެ މެނޭޖިން ޑައިރެކްޓަރު ތިރީސް ހާސްރުފިޔާ އިން އަދި ޕްރައިވެޓް ކުންފުންޏެއް ނަމަ ދިހަ ހާސް ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.


މިހާތަނަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ވަނީ 7429 ކުންފުންޏެވެ. އަކަމަކު އޭގެ ތެރޭގައި ރަޖިސްޓްރީ ކުރުމަށް ފަހު އަހަރީ ފީ ނުދައްކާ، އަދި އެއްވެސް ގޮތަކަށް "ޚަބަރެއް ނުވާ" ކުންފުނިތައް ހިމެނޭކަން އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ފާހަގަކުރެ އެވެ.


"ހަދާފައި އެބަހުރޭ ރަޖިސްޓްރީވުމަށް ފަހު ޚަބަރެއް އެއްވެސް ގޮތަކަށް ނުވާ ކުންފުނިތައް. އެކަމަކު އަހަރީ ރިޕޯޓާއި އެއްޗެހި ހުށަހެޅުން އެއީ ޤާނޫނުން އެމީހުންނަށް ވާޖިބުކުރާ ކަމެއް. އެކަން ވެސް ނުކޮށް، އަދި އަހަރީ ފީވެސް ނުދައްކައި މި ހުންނަނީ ހަމަ އުވާލަން ޖެހޭ ކުންފުނިތައް" ސުލްތާނާ ވިދާޅުވި އެވެ.


މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 3222 ކުންފުންޏަކުން އަހަރީ ފީ ދައްކާފައެއް ނުވެ އެވެ.  


"ހިނގާ ކުންފުންޏެއް ކަމަށް ވެއްޖެއްޔާ ހިސާބުތައް ވެސް ބަލަހައްޓައި ހިސާބުތައް ރަނގަޅަށް ހުށަހަޅާނެ. ހުށަމިއަޅަނީ ހިނގާ ކުންފުނިތަކުން. އަސްލު ރަޖިސްޓަރީގައި، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ދެބައިކުޅަ އެއްބައި ކުންފުންޏަކީ ނުހިނގާ ކުންފުނި" ސުލްތާނާ ވިދާޅުވި އެވެ. އެހެންކަމުން، އެ ކުންފުނިތަކުގެ މައްސަލަ "ކޮޅެއްގައި" ޖެއްސުމަށް މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.