ހައުސިން މިނިސްޓަރުގެ އަމަލުތަކުގެ ސަބަބުން ބައެއްގެ ހައްގުތައް ގެއްލިއްޖެކަމަށް ވާ ނަމަ ދައުވާ ނުކުރެވޭނެ އެއްވެސް ގާނޫނީ ނައްސެއް ނެތްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން އެގޮތަށް ބުނެފައި ވަނީ ލާމަރުކަރީ ގާނޫނު ހިންގުމުގެ ޒިންމާ އަދާކުރުމުގައި ހައުސިން މިނިސްޓަރު އިހުމާލުވެފައިވާ ކަމަށް ބުނެ އެ ކައުންސިލުން ކުރި ދައުވާގައި ދައުލަތުން ނެގި އިޖުރާއީ ނުކުތާއަށް ޖަވާބުދާރީ ވަމުންނެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މާލޭ ސިޓީ ކައުންސިލްގެ ވަކީލު އަލީ ހުސައިން ވިދާޅުވީ ދައުވާ ކުރުމުގެ ކުރިން ހައުސިން މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރާން ޖެހޭނެ ކަމަށް އެއްވެސް ގާނޫނެއްގައި ބުނެފައި ނުވާނެ ކަމަށެވެ.

އަލީ ހުސައިން އެގޮތަށް ވިދާޅުވީ މިނިސްޓަރު ޒިންމާ އަދާނުކުރާ ނަމަ އަމަލު ކުރާން ޖެހޭ އުސޫލު ގާނޫނު އަސާސީގައި ބުނެފައިވާ ވާތީ އެއީ ޝަރުއީ ކޯޓަކަށް ހުށަހަޅަން ޖެހޭ މައްސަލައެއް ނޫންކަމަށް ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

އަލީ ހުސައިންގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލާ ބަންޑާރަ ނާއިބް އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާނީ އުޝާމާ މޫސާ ވިދާޅުވީ ހައުސިން މިނިސްޓަރު ފަރުދީ ހައިސިއްޔަތުން ކޮށްފައިވާ ކަމެއް ވާނަމަ ހައުސިން މިނިސްޓަރުގެ މައްޗަށް ރައްދުވާ ގޮތަށް ދައުވާ ކުރެވިދާނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި އަލީ ހުސައިން ވިދާޅުވީ ހައުސިން މިނިސްޓަރު ކުރެއްވި ކަންތައްތަކަށް ޒިންމާ ވާންޖެހޭނީ ހައުސިން މިނިސްޓްރީން ތޯ ނުވަތަ ހައުސިން މިނިސްޓަރުގެ މަގާމާ ހަވާލުވެ ހުންނެވި ޑރ. މުހައްމަދު މުއިއްޒު ތޯ ނޫންނަމަ ޒިންމާވާން ޖެހޭނީ ދައުލަތުން ތޯ އެނގޭނީ މައްސަލަ ކުރިއަށް ގެންގޮސް ހެކީންގެ ހެކިބަސް ވެސް ނެގުމުން ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ ދައުލަތުން ނެންގެވި އިޖުރާއީ ނުކުތާއާ މެދު ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އެ ދައުވާގައި ލާމަރުކަޒީ ގާނޫނު ހިންގުމުގެ ޒިންމާ އަދާކުރުމުގައި ހައުސިން މިނިސްޓަރު އިހުމާލު ވެފައިވާ ކަމަށް ކަނޑައަޅައި އެކަމުގެ ސަބަބުން ރައްޔިތުންނާއި ސިޓީ ކައުންސިލަށާއި ކައުންސިލަރުންނަށްލިބުނު ގެއްލުންތަކުގެ ޒިންމާ ހައުސިން މިނިސްޓަރު އުފުލަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ވަނީ އެދިފަ އެވެ.