08 Apr 2013, 14:09
މަސައްކަތަށް ނުނިކުމެ، ފިލާ ކަމަށް ބުނެ ގެއެއްގެ ތެރޭގައި ތަޅުލައި ބިދޭސީންތަކެއް ބަންދުކޮށްފި އެވެ.
ހ. ބްލޫމައުންޓް ގޭގެތެރޭ ހަ ބިދޭސީއަކު ތިއްބައި، އެ މީހުންނަށް ނުނުކުމެވޭ ގޮތަށް ތަޅުލި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:50 ހާއިރު އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ބިދޭސީންތަކެއް ކަމަށްވެ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނީ މަސައްކަތް ކުރަން ގެނައި ބިދޭސީން މަސައްކަތަށް ނުނިކުންނަ ކަމަށާއި އަދި އެމީހުން އެގޭގެ ތެރެއަށްލާ ތަޅުލާން ޖެހުނީ ފިލާވަރުން ކަމަށެވެ. އެގޮތުން މިހާތަނަށް ގެނައި ދިހަ ވަރަކަށް މީހުން ފިލާފައިވާ ކަމަށް ވެސްވެ އެވެ.
ބިދޭސީންތައް ބައިތިއްބާފައި ތިބޭ ބްލޫމައުންޓް ގޭ ކައިރިއަށް ސަންގެ ނޫސްވެރިން ދިޔައިރު އެގޭގައި އުޅޭ ބިދޭސީންތައް ދޮރުމަތީގައި ނުކުމެ ތިއްބެވެ. އަދި އޭރު އެމީހުންނާ ހަވާލުވެ ހުރި މީހާ ވެސް އެ ސަރަހައްދުގައި ހުއްޓެވެ. އެގޭގައި ގެންގުޅޭ ބިދޭސީން މަސައްކަތަށް ނުނިކުންނަ ކަމަށާއި އަދި އެހެންވެ އެމީހުންނަށް މުސާރަ ދީފައިނުވާ ކަމަށް ވެސް އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ.
ބްލޫމައުންޓް ގެއަށް ފުލުހުން މިއަދު ގޮސް ހަ ބިދޭސީންނާއި އެ މީހުންނާއި ހަވާލުވެގެން ހުރި ދިވެހި މީހާ ވެސް ފުލުހުންގެ ޖިޕަށް އަރުވައިގެން ގެންދިޔަ މަންޒަރު އެސަރަހައްދުގައި ތިބި ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
އިމިގްރޭޝަނާ ފުލުހުން ގުޅިގެން އެ މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ.