08 Apr 2013, 12:05
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަ ވާނީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ކުރި ހުކުމާމެދު އާންމު ކޮމެޓީން ގޮތެއް ނިންމުމުން ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާ ހުއްޓާލައްވައިފި އެވެ.
ޖަލްސާ ހުއްޓާލައްވާފައި ވަނީ ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ބަހުސް ނިންމައި، ވޯޓަށް އަހަރަށް 20 މިނިޓަށް ވެފައި ވަނިކޮށެވެ. ޑރ. ޖަމީލާއި ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނިންމާފައި އޮތީ މިއަދު މެންދެރުފަހު 1:30ގަ އެވެ.
ދެ ވަޒީރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސް މިއަދު ހެނދުނު ފެށިއިރު، އެ ވޯޓު ސިއްރު ކުރުމާމެދު މެންބަރުންގެ ނިޒާމީ މައްސަލަތަކެއް ނުނަންގަވަ އެވެ. އަދި މެންދުރު ކުރިން ޑރ. ޖަމީލްގެ މައްޗަށް ހުށަހެޅުނު ބަހުސް ނިންމާލާފަ އެވެ.
ނަމަވެސް މެންދުރުފަހު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސް ފެށުމާމެދު މެންބަރުން ވިދާޅުވަމުން ގެންދެވީ ޑިފެންސް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވެފައި، އެ ވޯޓު ސިއްރު ކުރަންޖެހޭނެ ކަމަށެވެ.
މިއަދު ޖަލްސާގައި މިނިސްޓަރު ނާޒިމްގެ މައްޗަށް ހުށަހެޅުނު އިތުބާރު ނެތް ކަމުގެ ބަހުސް ކުރިއަށް ގެންދިއުމުގެ ކުރިން ޖަލްސާ ކުރިއަށް ނުގެންދެވިގެން ވަނީ މެދުކަނޑާލާފަ އެވެ. ޖަލްސާ ކުރިއަށް ނުގެންދެވިގެން ޖަލްސާ މެދުކަނޑާލީ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީ ވެވަޑައިގަތުމަށް ނާޒިމްގެ މަޖިލީހުގެ ތަޅުމަށް ވަޑައިގެންނެވިއިރު، އެމަނިކުފާނު ތުރުކުރައްވައިގެން ހުންނެވި ކޯޓުގެ މޭމަތީގައި ޝަރަފުގެ ކުލަބަރި ޖަހާފައި ހުރުމުން، މެންބަރަކު ނެންގެވި ނިޒާމީ މައްސަލައެއްގައި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލިސް މެދުކަނޑާލުމަށް ފަހު މެންދުރު ފަހު މަޖިލީސް ފެށުމާއި އެކު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން ވަނީ ނިޒާމީ މައްސަލަތައް ނަންގަވަން ފަށާފަ އެވެ. އަދި މިއަދު ނަގާ ވޯޓު ސިއްރު ނުކުރާ ކަމަށްވާ ނަމަ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީ ޕާލަމެންޓް ގުރޫޕްގެ މެންބަރުން ވެސް ވަނީ ވިދާޅުވެފަ އެވެ.
ދެން ޖަލްސާ އޮންނާނީ މާދަމާ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރައްވާފައިވާއިރު މާދަމާގެ ޖަލްސާގައި ޖުޑިޝަލް ސާވީސް ކޮމިޝަނުގައި ރައްޔިތުން މަޖިލީހުގެ ފަރާތުން އިންނެވި ގާސިމް އިބްރާހިމް އެކޮމިޝަނުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.