19 Oct 2010, 08:29
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަމާއްދާގެ (ވ) ގައި ވަޒީރުންނަށް ރުހުން ދިނުމުގައި ޢަމަލުކުރަންވީ ގޮތް ވަރަށް ސާފުކޮށް ބަޔާކޮށްފައިވާ އިރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުން އެއާ ހިލާފަށް ވަޒީރުންގެ މަޖިލީހަށް ގަނޑުކޮށް ރުހުން ދިނުމަށް ބާރުއަޅަމުން ގެންދަނީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކަށް ތަބާވާން އުނދަގޫވެ ހުދުމުހްތާރު ގޮތްތަކަށް ކަންކަންކުރަން އާދަވެފައިވާތީ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ގައުމީ ޕާޓީގެ ރަސްމީ ވެބްސައިޓްގައި ބުނެފައި ވަނީ ސަރުކާރުން ކުރާ ކޮންމެ ކަމަކީ އެންމެ ރަގަނޅަށް ކުރާ ކަންތައްތައް އަންގައިދިނުމުގެ ގޮތުން ގާނޫނު އަސާސީ އިސްލާޙު ކުރަމުންދިޔަ އިރު ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީން ބާރުއަޅަމުން އައީ ވަޒީރުންނަށް ރުހުން ދޭންޖެހޭނީ ވަކިވަކިން ކަމަށާއި ނަމަވެސް އެގޮތަށް އެކަންފާސް ނުވި ވާހަކަ ކަމަށެވެ.
ރައީސް ނަޝީދު އެއީ މިސާލެއް ކަމަށް ނަންގަވާއިރު މިއަދު އެމްޑީޕީން އެ އުސޫލުތައް ތަންފީޒުކުރަން ޖެހިލުންވެ، ކަނޑައެޅިގެން ދެކޮޅުހަދަމުންދާ ދިއުމުމާ މެދު ސުވާލުއުފެދޭ ކަމަށާއި ގާނޫނު އަސާސީގެ އެއްވެސް ތަނެއްގައި ވަޒީރުންނަށް ރުހުން ދޭންޖެހޭނީ ގަނޑުކޮށް ކަމަށް ލިޔެފައިނުވާ އިރު، ރުހުން ދޭންޖެހޭނީ ވަކިވަކިން ކަމަށް ދޭހަވާ އިބާރާތުން ލިޔެފައިވާކަން ފާހަގަކުރޭ ކަމަށް ވެސް ގައުމީ ޕާޓީން ބުނެފައިވެ އެވެ.
މިހާތަނަށް ރައްޔިތުން މަޖިލީހުން ވަޒީރުންނަށް ރުހުންދިނުމުގައި ދެގޮތަކަށް ޢަމަލުކޮށްފައިވެ އެވެ. އެއީ ހުރިހާ ވަޒީރުންނަށް އެއްކޮށް ރުހުން ދިނުމާއި ވަކިވަކިން ރުހުން ދިނުމެވެ.
ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މިސަރުކާރުގެ ފުރަތަމަ ކެބިނެޓަށް ރުހުން ދީފައި ވަނީ ގަޑުކޮށް ހުރިހާ ވަޒީރުންނަށް އެއްކޮށެވެ. އަދި ފުރަތަމަ ކެބިނެޓަށް އެއްކޮށް ރުހުން ދިނުމުގައި މުހިންމު ސަބަބުތަކަކަށްޓަކައި ރައްޔިތުންގެ މަޖިލީހުން ރިޔާއާތްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ގައުމީ ޕާޓީން ބުނެފައިވެ އެވެ. އޭގެ ތެރޭގައި އައު ސަރުކާރެއް ވެރި ކަމަށް އައުމާ ގުޅިގެން ސަރުކާރު ހިންގުމަށް އެއްވެސް ބުރުލެއް އެރިޔަ ނުދިނުން ހިމެނޭ ކަމަށާއި ނަމަވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުން ތިން ވަޒީރަކަށް ރުހުންދީފައި ވަނީ ވަކިވަކިން ކަމަށް ވެސް ގައުމީ ޕާޓީން ބުނެފައިވެ އެވެ. އަދި ރިޔާސީ ނިޒާމަށް ވެރިކަން ހިންގާ ޑިމޮކްރެޓިކް ގައުމުތަކުގައި މަޖިލީހުން ރުހުން ދިނުމުގައި ޢަމަލުކުރަނީ ވެސް ވަކިވަކިން ކަމަށާއި މިއީ އެމްޑިޕީއަށް ވެސް އަދި ޑިމޮކްރަސީ ގަބޫލުކުރާ ހުރިހާ މީހުންވެސް ދަންނަ ހަގީގަތެއް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
"މިހާރު އޮތް މަޖިލީހުން ތިން ވަޒީރަކަށް ވަކިވަކިން ރުހުން ދީފައިވާކަން ވެސް ސަރުކާރުން ވަނީ ހަދާންނައްތާލާފައި. އަދި 2009 ވަނަ އަހަރު ޖޫން މަހުގެ ދެވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ތިން ވަޒީރަކަށް ރުހުން ދީފައި ވަނީ ވަކިވަކިން މިއަދު އެމްޑީޕީގެ އެއްވެސް މެންބަރަކު ހަދާނެއް ނެތް. އަދި އެ ވާހަކަ އަޑުއަހަން ވެސް ބޭނުމެއްނުވޭ" ގައުމީ ޕާޓީގެ ނޫސްބަޔާނުގައިވެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ވެރިކަން ކުރާ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުގެ މެދު ހިޔާލު ތަފާތުވުން އުފެދިފައިވާ އިރު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމަންދެން ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލަ އަށް އެއްވެސް އަސަރެއް ކުރާނެ ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.