08 Apr 2013, 11:53
ކޮމިޝަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ އަބުރާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބެހުނުކަމަށް ބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،750،000ރ. ނަގައިދިނުމަށް ރިޔާޒު ސިވިލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅުއްވަމުން ރިޔާޒުގެ ގާނޫނީ ވަކީލު އަރީފް އަހްމަދު ނަސީމް ވިދާޅުވީ ކޯނީގެ ރިޕޯޓު ނެރު ދުވަހާއި ޖެހިގެން އައި ދުވަހުގެ ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ރިޔާޒަށް ރައްދުވާގޮތަށް ނަޝީދު "ބާޣީ" އޭ ގޮވުމުގެ ސަބަބުން ރިޔާޒުގެ އަބުރާއި ކަރާމާތަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރިޔާޒަށް އޭނާ އަދާކުރަންޖެހޭ ގާނޫނީ ވާޖިބު އަދާކުރުމަށް އުނދަގޫވެފައިވާ ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.
ނަޝީދުގެ އެ ވާހަތަކުގެ ސަބަބުން ރިޔާޒުގެ އާއިލާއަށް ގެއްލުންދީފާނެ ކަމުގެ ބިރުހީވެގެން އޭނާގެ ގޭގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހުނު ކަމަށް ވެސް ރިޔާޒުގެ ވަކީލު އަރީފް ވިދާޅުވި އެވެ.
ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ފައިސާގެ ބޮޑު އަދަދެއް ހޯދުމަށް ރިޔާޒު އެދިވަޑައިގެންފައިވާއިރު ލިބުނު ގެއްލުމުގެ ތަފްސީލެއް ބުނެދީފައި ނުވާކަމަށެވެ. އެހެންކަމުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުވާ އަށް ލިޔުމުން ޖަވާބުދާރީވުމަށް ނަޝީދުގެ ވަކީލަށް ފުރުސަތު ދިނުމަށް ފަހު އެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވަނީ ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާފަ އެވެ. އޭނާ އެދިވަޑައިގެންފައި ވަނީ އަބުރާއި ބެހުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ނަޝީދުގެ ފަރާތުން ނަގައި ދިނުމަށެވެ.
ކޯނީގެ ރިޕޯޓު ނެރުނު ދުވަހާއި ޖެހިގެން އައިދުވަހުގެ ރޭ އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު ނާޒިމާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަކީ ބަޣާވާތް ކޮށްގެން ތިބި ބައެއްކަމަށް އެމަނިކުފާނަށް އަދިވެސް ތުހުމަތު ކުރެވޭތީ އެ ދެބޭފުޅުންނާ ދިމާލަށް "ބާޣީ"އޭ ކިޔުން ނުހުއްޓާނެ ކަމަށެވެ.