08 Apr 2013, 11:41
ޕޮލިޓިކްސް ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި އަދި ސޯޝަލް މީޑިއާ އާއި އަދި އަމިއްލަ ބްލޮގުގައި ކޮރަޕްޝަނާއި މިސްމެނޭޖުމަންޓާ ދެކޮޅަށް ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ޑރ. ހައުލަތު މުހައްމަދު،42، ރޭ އަވަހާރަވެއްޖެ އެވެ. ހައުލަތުގެ އާއިލާ އިން ސަން އަށް މައުލޫމާތު ދެއްވި ބޭފުޅަކު މިއަދު ވިދާޅުވީ ފަސް ބޭފުޅުންގެ މަންމަ، ރޭ މެންޗެސްޓާ ސިޓީގައި އަވަހާރަވީ ހިތްޕުޅުގެ އާލަސްކަންފުޅެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހައުލަތު އޮންނެވީ ލައިފް ސަޕޯޓިން މެޝިނެއްގެ އެހީގައި ކޯމާއެއްގަ އެވެ. އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ނޭވާލުމަށް މައްސަލަތަކެއް ކުރިމަތިވެގެން ކަމަށް އާއިލާ އިން ބުންޏެވެ. އޭރު ހައުލަތު އިންނެވީ އޭނާގެ ފަސް ވަނަ ބޭފުޅާ އަށް އަދި ހަމަ އެކަނި ފިރިހެން ބޭފުޅާ އަށް އާލަސްވެ އެވެ. ނަމަވެސް ޑޮކްޓަރުން ވަނީ އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނަގައިފަ އެވެ. ހައުލަތު މަޝްހޫރުވެފައި ވަނީ ދިވެހި ބަހާއި އިނގިރޭސި ބަހުން އޭނާގެ އަމިއްލަ ބްލޮގާއި ސޯޝަލް މީޑިއާގައި ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ހައުލަތު އަވަހާރަވި އިރު ވަޒީފާ އަދާ ކުރެއްވީ މެންޗެސްޓާ ޔުނިވަސިޓީގައި ލެކްޗަރާއެއްގެ ގޮތުގަ އެވެ.